ރާއްޖެ ކައިރީގައި 2 ކޮޅިގަނޑު އުފެދިފައިވުމާއެކު އެ ދެ ކޮޅިގަނޑުގެ އަސަރުގެ ސަބަބުން އަންގާރަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން ބުނީ މިއަދު ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދޭނެ ކަމަށާއި އަދި މި ހަފްތާތެރޭގައި ރާއްޖެއާ ދުރުން ދެކުނުގައި ކޮޅިގަނޑެއް އުފެދި، އެ ދެ ކޮޅިގަނޑުގެ އަސަރުގެ ސަބަބުން އަންގާރަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށެވެ.
އެގޮތުން ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ދުވަސްތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫ އަށްސޭރިފަށް ދިމާލަށް ޖެހޭނެކަމަށް ލަފާ ކޮށް އަދި މި ހަފްތާތެރޭގައި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށް ބެލެވޭކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މިހާރު އާންމު ގޮތެއްގައި ދެކުނަށާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެއެވެ.
ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރުމާއިއެކު ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 -55 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށާއި ދެކުނާއި މެދު ރާއްޖެތެރޭގެ ސަރަހައްދަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް މެޓު އޮފީހުން މައުލޫމާތުދެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރުކަމަށްވާތީ ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަށް އެ އިދާރާއިން ބުނެއެވެ.