ކޮންމެ އަހަރަކުވެސް އުރީދޫ މޯލްޑިވްސް އިން ބާއްވަމުން އަންނަ އުރީދޫ ފަން ރަންގެ މިއަހަރުގެ އެޑިޝަން، އިއްޔެ ބާއްވައިފިއެވެ.
ރާއްޖޭގައި އެންމެ އުފާވެރި 5ކޭ“ ގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ އުރީދޫ ފަން ރަން އިއްޔެ ހުޅުމާލޭގައި ބޭއްވި އިރު، މުޖުތަމައުއާއި ފިޓްނަސް އަދި މަޖާ ކަމުގެ އުފާވެރި މި އުފަލުގައި 6،500 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.
އިއްޔެގެ މި އިވެންޓު ޝަރަފްވެރިކޮށްދެއްވީ ނައިބް ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ހަރަކާތުގައި ކުލައާއި ފޯމާއި އުފާވެރިކަމުގެ ކާނިވަލަކަށް ހުޅުމާލެ ބަދަލުވެގެން ދިޔައެވެ. ކޮންމެ ކިލޯމީޓަރެއް ނިމޭ ހިސާބުގައި މަޖާ ހަރަކާތަކާއެކު ފޯމް ސްޓޭޝަންތަކާއި ކުލަ އާއޮ ދިއުމާއި އުފާވެރި އޮބްސްޓެކަލް ޗެލެންޖުތަކާ އެކު ފުރިހަމަކޮށްފައިވާ މި މަޖާ ދުވުމުގައި ހުރިހާ އުމުރެއްގެ މީހުން ވެސް ބައިވެރިވި އެވެ.
އުރީދޫން ބުނި ގޮތުގައި މި ހަރަކާތުން ދައްކުވައިދެނީ ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނެވުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށާއި ފަރުދުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ވަގުތުތަކެއް އުފެއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތްތަކެވެ.
”މުޖުތަމައުގެ ފަރާތުން މިހާ ބޮޑު ބައިވެރިވުމަކާއި ހިތްވަރެއް ފެނުމުން ވަރަށް އުފާވޭ. ފަން ރަން އަކީ ހަމައެކަނި ދުވުމަކަށް ވުރެ މާ ބޮޑު ދުވުމެކެވެ. މިއީ އުފާވެރިކަމާއި އެކުވެރިކަމާއި ހަރަކާތްތެރި ދިރިއުޅުމުގެ އުފަލެއް،“ އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
ހުޅުމާލެ އެޑިޝަންގެ ބޮޑު ކާމިޔާބީއަށް ފަހު އުރީދޫން ވަނީ ކުރިއަށް އޮތް ފަން ރަން ފުވައްމުލަކުގެ ރީތި ހިތްގައިމު މާހައުލުގައި ބާއްވަން ނިންމައިފަ އެވެ. އަދި ރަޖިސްޓްރީގެ ތަފްސީލާއި އަޕްޑޭޓްތައް އުރީދޫގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ހާމަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ފަން ރަން އަކީ ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއަކަށް ހަދައިދިން ވޮލަންޓިއަރުންނާއި ޕާޓްނަރުންނާއި ބައިވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.