އިސްބަގުލްގެ ފައިދާ އާއި ހަށިގަނޑަށް ގެނުވާ އަރާމާއި އުފާ!
ދެންމެ | 05 ޖެނުއަރީ 2025

އިސްބަޤުލަކީ އަގުހެޔޮ އެއްޗެކެވެ. ރަނގަޅު ފެންވަރުގެ އިސްބަޤުލް 100 ގްރާމްގެ އަގަށް ބަލައިފިނަމަ އެއީ 20 ރުފިޔާ ނުވަތަ 15 ރުފިޔާއެވެ. އެހައި އިސްބަޤުލުން ދޮޅު ލިޓަރުގެ 3 ފުޅި، 500 އެމްއެލްގެ 10 ވަރަކަށް ފުޅި ތައްޔާރުކޮށްލެއްވޭނެއެވެ. ވީމާ ދުވާލަކަށް ޚަރަދުކުރަންޖެހޭނީ ކުޑަކުޑަ މިންވަރެކެވެ.

”އަޅުގަނޑު ޕާކިސްތާނުގައި ހުއްޓައި ވަރަށް ގަދައަށް ހުން އައިސްގެން ޑޮކްޓަރަށް ދެއްކީމެވެ. ބޭސް ސީޓީ ލިޔުނުއިރު އިސްބަޤުލް ލިޔެފައި އޮތުމުން އެއީ ބޭހެއް ކަމަށް ހީކޮށް ސުވާލުކުރުމުން ބުނީ ފެންނަށް އިސްބަޤުލް އަޅައިގެން ބުއިމަށެވެ. އެއިރުން އެތެރެ ހަށި ފިނިކޮށްދޭނެ ކަމަށާއި ހުމަށް ލުއިކަން ލިބޭނެ ކަމަށެވެ.“

މިއީ އަރިދަފުސްރޯގާޖެހި ގިނަ ބައަކު ހުންއަންނަމުންދާ ދުވަސްވަރަކަށްވުމުން މިކޮމެންޓް ކިޔުންތެރިންނަށް ހާމަކޮށްލަން ބޭނުންވީއެވެ. ކުރުނބާގެ އަގުބޮޑުކަމުންނާއި ގަންނަން މާރުކޭޓަށް ގޮސްއުޅެން ގިނަ ބައަކަށް އުނދަގޫވާއިރު މިއީވެސް ފަރުވާއަށް އެހީތެރިކަން ލިބެން އޮތް ކަމަކަށްވުމުން ފާހަގަކޮށްލީއެވެ.

އިސްބަޤުލަކީ ޤަދީމީ ޒަމާނުންސުރެ ފަރުވާއަށް ބޭނުންކުރެވެމުން އަންނަ އެއްޗެކެވެ. އިސްބަޤުލުން ލިބޭ އިތުރު ފައިދާތައް ތިރީގައިވާ ލިޔުމުންވެސް އެނގިލައްވާނެއެވެ.

އިސްބަޤުލްފެން ބުއިމަކީ ހިތަށް ރަނގަޅު ފަރުވާއެއްކަމަށް ބުނާއަޑު އަހަމެވެ. އެފަދަ މަޢުލޫމާތެއް ލިބިފައި އެބައޮތްތޯ؟

ކިޔުންތެރިޔާ ކުރެއްވި ސުވާލުގެ ޖަވާބުގައި ދަންނަވަން ޖެހެނީ އިސްބަޤުލް ބޭނުންކުރުމުން ކޮލޮސްޓްރޯލް ލެވެލް ތިރިވާކަމަށް ބެލެވެއެވެ. އެކަން މިއަދުނޫހުގެ ކިޔުންތެރިއަކުވެސް ވަނީ ތަޖުރިބާކޮށްފައެވެ. އެހެންކަމަށްވާއިރު އެއީ ހިތަށް އޮތް ފައިދާއެކެވެ.

އަދި އެއިގެ އިތުރުންވެސް ދަންނަވާލަމެވެ. އެލިޔުމުގައި ހުރި ފައިދާތަކުގެ އިތުރުން އިސްބަޤުލަކީ ބޮޑުކަމުދިއުމަށް އުނދަގޫވާ މީހުންނަށްވެސް ޝިފާލިބޭ އެއްޗެކެވެ. އަދި ހަކުރު ބަލީގެ ބޭހެއް ނޫންނަމަވެސް ހަކުރު ބަލީގެ މީހުން ބޭނުންކުރުމުން ފައިދާކުރާއެއްޗެއްކަމަށް ބެލެވެއެވެ.

ލިޔުމުގެ އެންމެ ތިރީގައިވާ ލިންކުގައިވާ ލިޔުމުން މިކަންކަން ޔަޤީންކޮށްލައްވާށެވެ.

އަޅުގަނޑަކީ ވައިގެ އުނދަގޫ ހުންނާތީ ބޭސްކަމުން އަންނަ މީހެކެވެ. މީގެ އިތުރުން އަޅުގަނޑަކީ ހަކުރު، ކޮލެސްޓްރޯލް ލޭމައްޗަށް ދިއުން ފަދަ ގިނަ ކަންކަމަށް ބޭސްކަމުން އަންނަތާ 10 ވަރަކަށް އަހަރުވެފައިވާ މީހެކެވެ.

މީހަކު ދިން މައުލޫމާތަކާއި ގުޅިގެން އިސްބަގުލުފެން ބޯންފެށީމެވެ. ރޭގަނޑު ދޮޅު ލިޓަރު ފެންފުޅިއަކަށް ކުދި ސަމުސަލުގެ 4، 5 ސަމުސާހައި އިސްބަގުލު އަޅާފައި ބަހައްޓަނީއެވެ. ހެނދުނު ތެދުވެ ބޯންފަށަނީއެވެ. މަދުމަދުން ބޮމުން ގެންގޮސް ދުވާލު ފުޅި ހުސްކުރަނީއެވެ. އެކަންކުރަންފެށިފަހުން ވައިގެ އުނދަގޫތަކުން ސަލާމަތްވިއެވެ.

އެއިގެ މަހެއްހައި ދުވަސްފަހުން އާދައިގެމަތިން ޢާންމުކޮށް ކޮންމެ 3 މަހަކުން ހަދާ ޓެސްޓްތައް ހެދިއިރު ކޮލެސްޓްރޯލްވަނީ ފިލައިފައެވެ. ރަނގަޅު ކޮލޮސްޓްރޯލް ވަނީ މަތިވެފައެވެ. ފާއިތުވި އެތައް އަހަރަކު މިއަންނަނީ ކޮންމެ ރެއަކު 20 މގ އެޓްރޮވިން ބޭނުންކުރަމުންނެވެ. ޑޮކްޓަރު ލަފާދެއްވީ ބޭސްކެއުން މިވަޤުތަށް ހުއްޓާލުމަށެވެ.

ބޭހާއިއެކުވެސް އަބަދުވެސް ކޮލޮސްޓްރޯލް ހުރީ މަތީ ފަށަލައިގައެވެ. ދަށްވި ސަބަބެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ އިސްބަގުލުފެން ބޭނުންކުރުމެވެ. އެއީ އެނޫން އިތުރު އެއްވެސް ކަމެއް އަޅުގަނޑު ނުކުރާތީއެވެ.

މިއީ އަޅުގނޑުގެ ތަޖުރިބާއެވެ. އިސްބަގުލުފެނަކީ ޞިއްޙަތަށް ފައިދާހުރި ހަށިގނޑު ފިނިވެސްކޮށްދޭ އެއްޗެއްކަމަށް ޑޮކްޓަރުން ވެސް ބުނެއެވެ. ވީމާ ބުއިމަކުން ލިބޭނެ ގެއްލުމެއް ނެތެވެ. ތަޖުރިބާކޮށްލެއްވުން ކީއްތޯއެވެ؟

 

ކިޔުންތެރިއެއް

އެއްވެސް ބޭހަކީވެސް އެންމެންނަށް އެއްމިންވަރަކަށް ފައިދާކުރާ އެއްޗެއް ނޫނެވެ. ވީމާ މިބާވަތުގެ ކަންކަމުގައި ކޮންމެ މީހަކަށް އެއްގޮތަކަށް ކަންކަން މެދުވެރިނުވެދާނެއެވެ. އެކަން ޤަބޫލުކުރަންވާނެއެވެ.

ހަމަ އެއާއިއެކު އަމިއްލަ ތަޖުރިބާއެއްވެސް ހާމަކޮށްލާނަމެވެ. ރޯދަވީއްލާއިރު އަޅުގަނޑު އިސްބަޤުލް ފެން ބޭނުންކުރަމެވެ. ޢިޝާ ނަމާދުގެ ކުރިން 500 އެމްއެލްގެ ކުޑަ ފުޅިއެއްގެ ފެން ބޭނުންކުރަން މަސައްކަތްކުރަމެވެ. އެކަމުން ވައިގެ އުނދަގޫތައް ކުޑަވެގެންދެއެވެ. އަދި ހަށިގަނޑަށް ހަމަޖެހުން ލިބެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!