ބައެއް އުނދަގޫ ނިންމެވުންތައް ނިންމާފައިވާނީ އަންނަ އޮތް ޖީލުތަކުގެ ހައްޤުގައި ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ވާދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ، ދިވެހީންނަކީ މުޖުތަމަޢުގައި ހުރި ނޭދެވޭ ކަންކަމާއި ދެކޮޅަށް ވާހަކަދައްކަން ކެރޭ ބަޔަކަށް ވާންޖެހޭނެކަމަށާއި ގޯސްކަންކަމަކީ ގޯހެއްކަމުގައި ޤަބޫލުކޮށް ރަނގަޅުމަގު އިޚްތިޔާރުކުރާ ބަޔަކަށްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.ރައީސްގެ ވާހަކަފުޅުގައި ޤައުމުގެ ތަރައްޤީގައި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންގެ ބައިވެރިވުން މުހިއްމުކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މީގެކުރިން އަންހެނުން އައްޔަންކޮށްފައި ނުވާ ދައުލަތުގެ ބައެއް އިސް މަޤާމުތަކަށް އެމަނިކުފާނުގެ ސަރުކާރުން އަންހެނުން އައްޔަންކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ވިސްނުމުގައި ކުރިއަށް އޮތް މުސްތަގުބަލަށްޓަކައި, އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުމަށް ބައެއް ވަރަށް އުނދަގޫ ނިންމެވުންތައް ނިންމަވާފައިވާނެ ކަމަށެވެ. މިއީ ވަށާ ޖެހޭ ތަރައްގީއަކުން ތަރައްގީ ހާސިލް ކޮށްދީފައިވާ, ހަގީގީ މާނައިގައި ތަރައްގީ ވެފައިވާ ދިވެހިރާއްޖެއަކަށް ހަދައިދިނުމަށް ނިންމި ނިންމުންތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ނިންމުންތަކަކީ އެއްގޮތަކަށްވެސް ރައްޔިތުންނަށް ދަތި ކުރުމުގެ ވިސްނުންފުޅުގައި ނިންމަވާ ނިންމެވުންތަކެއް ނޫން ކަމަށާއި, އެކަމުގައި އެމަނިކުފާނުގެ ނިޔަތް ވަރަށް ސާފު ކަމަށެވެ. އެހެންކަމުން ވަށާޖެހޭ އަދި މާނަވީ ތަރައްގީއެއް ހާސިލް ކުރުމުގެ އަޒުމުގައި އެންމެން ކުރިއަށް ދިއުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.