ނުތަނަވަސްކަމާއި ހާސްކަމުގެ ބޯވިލާތަކުން ޙަޔާތުގެ އުދަރެސް ބައްދާލުމުން މިސްރާބު ބަހައްޓަންވީ ކޮން ދިމާލަކަށް ހެއްޔެވެ؟ އަހަރެމެން އުޅެންވީ ނޫޅެންވީގޮތް ބަޔާންކޮށްފައިވާ އިލާޙީ ވަޙީއަށެވެ. ދަތުރުކުރަންވީ ރާސްތާއާއި، ކަށިކުނބުރު ޖަންގަލިން ނަފުސު ސަލާމަތްކުރާނެ ގޮތް އަންގަވާފައިވާ ކީރިތި ޤުރުއާނަށެވެ. ޤުރުޢާނަކީ ހިތްތަކަށް ހުރި ހަމަޖެހުމެކެވެ. މާޔޫސްކަމާއި މޮޅިކަމަށް އޮތް ފަރުވާއެކެވެ. ބަލިތަކަށްވާ ޝިފާއެކެވެ. ހިތްތަކަށް އުއްމީދާއި އާރޯކަން ގެނެސްދޭ އަލިކަމެކެވެ.
ހިތްނުތަނަވަސްކަމާއި ހާސްކަމުގައިވާ ޙާލަތްތަކުގައި، އަޑުއަހާލަން ވަރަށް ރަނގަޅު ސޫރަތްތައް ކީރިތި ޤުރުޢާނުގައިވެއެވެ. ’ރަޙްމާން‘ ސޫރަތަކީ އެފަދަ ދަތި ޙާލަތްތަކުގައާއި، ހާސްކަމުގައި ނަފުސު ޗިސްވަމުންދާ ވަގުތުތަކުގައި އަޑުއަހާލުން ވަރަށް އެދެވިގެންވާ ސޫރަތެކެވެ. ’ޑިޕްރެސްވެ‘ މީހާ ހާސްކަމުން ފޯވަމުންދާ ވަގުތުތަކުގައި ’ރަޙްމާން‘ ސޫރަތް ތިބާގެ ކަންފަތަށް އަޑުއިއްވާށެވެ. ޔަޤީންކަމާއެކު ބުނަމެވެ. މަޑުމަޑުން ހާސްކަން ކެނޑެމުންގޮސް، މީހާ ހަމަޔަކަށް އެޅޭކަމުގެ އިޙްސާސްކުރެވެން ފަށާނެއެވެ. ފިތިފައިވާ ނާރުތަކަށް ނޭވާލެވޭކަހަލަ ލުއިއެއް އިޙްސާސްވާނެއެވެ. ހިތަށް ހަމަޖެހުން ލިބި، ސިކުނޑިއަށް އަރާމެއް ނުވަތަ ލުއިއެއް ލިބެންފަށާނެއެވެ. އެއްފަހަރަށްވުރެ ގިނައިންވެސް އަޑުއަހަންވީއެވެ. ކޮންމެވެސްވަރެއްގެ ލުއިއެއް ލިބޭކަމުގެ އިޙްސާސްކުރެވެމުން އަންނާނެކަން ޔަޤީނެވެ. އަރަބިން ކިޔެވެމުންދާ އެ ސޫރަތުގެ ތަރުޖަމާ ނޭނގުންނަމަވެސް، އެ ލިއްބައިދޭ ހިތްހަމަޖެހުމަކީ އަޖާއިބެކެވެ. އެއީ އިލާޙީ ވަޙީގައިވާ އާދަޔާޙިލާފް ގުޅުމެވެ. ތަރުޖަމާ ނޭނގުނަސް، ބީރައްޓެހިކަމުގެ އިޙުސާސް އަހަރުމެންނަކަށް ނުކުރެވެއެވެ.
މީގެ އިތުރުން، ސޫރަތުލް ޟުޙާއަކީ ހިތް ނުތަނަވަސް ވަގުތުތަކުގައި އަޑުއަހާލަން ވަރަށް ރަނގަޅު ސޫރަތެކެވެ. ސޫރަތުގައި ބަޔާންވެގެންވަނީ އުއްމީދުން ފުރިގެންވާ އާޔަތްތަކެކެވެ. ޟުޙާ ސޫރަތުން އެކަން ހާމަވާ ބައެއް އާޔަތްތައް ތިރީގައި އެވަނީއެވެ.
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ﴿ ٣ ﴾ وَلَلۡـَٔاخِرَةُ خَیۡرࣱ لَّكَ مِنَ ٱلۡأُولَىٰ﴿ ٤ ﴾ وَلَسَوۡفَ یُعۡطِیكَ رَبُّكَ فَتَرۡضَىٰۤ﴿ ٥ ﴾ أَلَمۡ یَجِدۡكَ یَتِیمࣰا فَـَٔاوَىٰ﴿ ٦ ﴾ وَوَجَدَكَ ضَاۤلࣰّا فَهَدَىٰ﴿ ٧ ﴾ وَوَجَدَكَ عَاۤىِٕلࣰا فَأَغۡنَىٰ﴿ ٨ ﴾
”ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ.(3) އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ.(4) އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ.(5) ކަލޭގެފާނު ޔަތީމަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ.(6) އަދި ކަލޭގެފާނު ހައިރާންވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެންް އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ. (7) އަދި ފަޤީރަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ. (8)“
މި މޫރިތި އާޔަތްތަކުންވެސް އެނގިގެންދަނީ އަހަރެމެންގެ ވެރި ރައްބު، ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން ދޫކޮށްނުލާނެކެމެވެ. ދަތި އުނދަގޫ ހާލަތްތަކަށްފަހު، ފަސޭހަކަންވެސް އަހަރުމެންގެ ޙަޔާތަށް އަންނާނެކަމެވެ. މި އާޔަތްތަކުން އުއްމީދުގެ ހުޅުކޮޅު ރޯކޮށްދެއެވެ. ހިތަށް ތަސައްލީ ލިއްބައިދެއެވެ. ހަމަޖެހުމާއި ހިތްހަމަޖެހުން ފޯރުކޮށްދެއެވެ.
ރަޙްމާން ސޫރަތާއި ޟުޙާ ސޫރަތަކީ ހާސްވެ ނުތަނަވަސްވާ ވަގުތުތަކުގައި އަޑުއަހާލުން ވަރަށް ރަނގަޅު 2 ސޫރަތެވެ. ޤުރުޢާނަކީ ޝިފާއެކެވެ. ހިތްހަމަޖެހުމަށް އޮތް އެންމެ ރަނގަޅު އެއް ޒަރީޢާއެވެ. ނުތަނަވަސްވެފައިވާ ތިބާގެ ހިތަށް، ކީރިތި ޤުރުޢާނުން ހަމަޖެހުން ހޯދާށެވެ. މި ސޫރަތްތައް އަޑުއަހާލާށެވެ. އެއީ ހަމަ އެއްވަނައެވެ.