ނިންމުންތައް ނިންމުމުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކުރުމަށް އިސްކަންދޭނަން: ސީޕީ
ދެންމެ | 28 އޭޕްރިލް 2026

ނިންމުންތައް ނިންމުމުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކުރުމަށް އިސްކަންދެއްވާނެ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވްސް ވިމެން އިން ޕޯލިސިންގ ކޮމިޓީ“ ގެ ތިންވަނަ ދައުރު އިފްތިތާޚުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ މުޅި މުޖުތަމަޢު ރައްކާތެރިކޮށް އަމާންކަން ދެމެހެއްޓުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެއްކަމަށެވެ. އަދި ފުލުހުންގެ ކޮންމެ ދާއިރާއަކަށްބެލިކަމުގައިވިޔަސް، އަންހެން އޮފިސަރުންގެ ޤާބިލުކަމާއި، ހުނަރުވެރިކަމާއި ކެރޭކަން ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން، މުޖުތަމައާއި ގުޅިގެން މަސައްކަތްކުރުމުގައްޔާއި، ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނާގުޅޭ ނާޒުކު މައްސަލަތަކުގައި އަންހެން އޮފިސަރުންނަކީ އިތުބާރާއި ޔަޤީންކަން އާލާކޮށްދޭ މުހިންމު ހިއްސާދާރެއްކަމަށް ވެސް ވިދާޅުވިއެވެ. ހަމަމިއާއެކު އަންހެން އޮފިސަރުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި، ފުންކޮށް ވިސްނުމުގެ ބާރަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބޭ ބޮޑު ކުރިއެރުމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

ސީޕީ އިތުރަށް ވިދާޅުވީ އެ މުއައްސަސާގެ އަމާޒަކީ، އެންމެން ޝާމިލްވާގޮތަށް ފަރަޤުކުރުމެއްނެތް ހަމަހަމަ މާހައުލެއް ޤާއިމްކުރުންކަމަށެވެ. ކުރިއަށްއޮތްތަނުގައި އަންހެން އޮފިސަރުންނަށް އައު މަގުތަކެއް ކޮށައިދީ، ފުލުހުންގެ މުއައްސަސާއަކީ އެންމެނަށްވެސް އެއްވަރަށް ފުރުސަތުއޮތް މާހައުލަކަށް ހެދުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވެސް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުޙައްމަދު ދެއްވާފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!