ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުން 40 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށް، ރޭޓް ވެއްޓެން ފަށައިފި
ދެންމެ | 18 ޖެނުއަރީ 2025

ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ޓޫރިޒަމް ހިދުމަތްދޭ ފަރާތްތަކުން މިހާތަނަށް 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) އާއި 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) އާ ދެމެދުގެ އަދަދެއް ބޭންކްތަކަށް މާރުކުރާނެ ކަމަށް ބެލެވޭ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ، ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން މިދިޔަ އޮކްޓޫބަރު އައި ޓޫރިސްޓުންގެ އަދަދަށް ބަލައިގެން ޑޮލަރު މާރު ކުރަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 28 ގެ ނިޔަލަށެވެ. އެހެންވެ އެ ދުވަހުގެ ކުރިން ޑޮލަރު މާރުކޮށް ނިންމުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.

ރާއްޖޭގައި ހިދުމަތްދޭ 175 ރިސޯޓުގެ ތެރެއިން މިހާތަނަށް 138 ރިސޯޓުން މިދިޔަ އޮކްޓޫބަރު މަހުގެ ސޭލްސް ރިޕޯޓު އެމްއެމްއޭއަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މި އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ބޭރުފައިސާއާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށި އިރު އެމްއެމްއޭ އިން ވަނީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އެކަމާ ގުޅޭ ގަވާއިދެއް އެކުލަވައިލާފަ އެވެ. އެހެންވެ، އެ ގަވައިދުގެ ދަށުން މިދިޔަ އަހަރުގެ ފަހު ތިން މަހު އައި ޓޫރިސްޓުންގެ ބޮލަކަށް ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.

އެ ގަވައިދުގައިވާ ގޮތުން ރިސޯޓުތަކުން މާރުކުރަން ޖެހޭނީ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުން ބޭންކްތަކަށް މާރު ކުރަން ޖެހޭނީ އަންނަ ޓޫރިސްޓުންގެ ބަލަކަށް 25 ޑޮލަރެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި ”ކެޓެގަރީ އޭ“ ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ.

”ކެޓެގަރީ ބީ“ ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!