ދުންފަތާއި ދެކޮޅު މަސައްކަތަކީ މާލީ ފައިދާއަށް ކުރާ ކަމެއް ނޫން: ރައީސް
ދެންމެ | 22 ޖެނުއަރީ 2025

ދުންފަތާއި ދެކޮޅަށް ފެއްޓެވި މަސައްކަތަކީ ވަކި ބަޔަކަށް ފައިދާ ހޯދާދިނުމަށް ކުރެއްވި ކަމެއް ނޫންކަމަށާއި، އަދި މިއީ ދައުލަތަށް ފައިސާ ހޯދުމަށް އެޅުއްވި ފިޔަވަޅުތަކެއްވެސް ނޫންކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަދި ދުންފަތުގެ ބާވަތްތަކުން ޓެކްސް ބޮޑުކޮށްގެން ލިބޭ އާމްދަނީއަކީ ދައުލަތަށް ލިބޭ ޢާމްދަނީއެއްކަމަށް ބަލައިގަނެ، އެއަށް ބަރޯސާވެ ޢާމްދަނީ ހިސާބުނުކުރައްވާނެކަންވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ދުންފަތާއި ދެކޮޅަށް މަސައްކަތް ފެއްޓެވީ ޤައުމީ ވިސްނުމެއްގައި ކަަމަށާއި، ޒަމާންވީ ބޮޑު މައްސަލައަކުން ރައްޔިތުންނާއި ޤައުމު ސަލާމަތްކުރެއްވުމުގެ ހެޔޮ ނިޔަތުގައިކަމަށް ރައީސް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ރ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ.އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންވަނީ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެކި ބާވަތްތަކާއި ދެކޮޅަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ މަޤްސަދު ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭޕް މަނާކުރުމަށް ނިންމެވި ގޮތަށް ދުންފަތުގެ ބާވަތްތައް މަނާކުރެވިދާނެ ކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.

ސަބަބަކީ ވޭޕަކީ ފަހުން ތައާރަފްވީ އެއްޗެއްނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދައަކީ ޒަމާންތަކެއްވަންދެން ދިވެހީންގެ ތެރޭގައި އޮތް އާދައެއްކަމުން އެކަން ހުއްޓުވޭނީ އެކި މަރުޙަލާތަކަށް ބަހާލައިގެންކަމަށް ޤަބޫލުކުރައްވާކަމަށެވެ.ދުންފަތުގެ އިސްތިއުމާލް ކުރުމާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގައި ޤާއިމުކުރާ ކްލިނިކްތައް ކުރިއަށްއޮތްތަނުގައި އިތުރުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!