ކަރަންޓް ބިލް ބޮޑު ވަނީ ފަރުދީ ޒިންމާ އަދާ ނުކުރާތީ ތަ!
ދެންމެ | 28 ޖެނުއަރީ 2025

ކަރަންޓު ބިލު ބޮޑުވާކަމީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ. ކިތަށްމެ ބަލައިން އުޅުނަސް ކަރަންޓު ބިލަށް އަރާ މިންވަރު އިތުރުވާ ވާހަކައެވެ. އެއްވެސް ހެޔޮ ބަދަލެއް ނާންނަ ވާހަކައެވެ. ވާނުވާއެއް ނޭނގިވެސް ކަރަންޓު ބިލަށް ދައްކަންޖެހޭ ފައިސާގެ އަދަދު މަދުނުވާ ވާހަކައެވެ. ނޭނގިނަމަވެސް އަހަރުމެންނަށް ކުރެވޭ ކުދިކުދި ކަންތައްތަކުންވެސް، ކަރަންޓު ބިލަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެއެވެ. މާބޮޑުކަމެއް ނޫންކަމަށް ހީކޮށް ދޫކޮށްލެވޭ ކަމަކީ ކަރަންޓު ބިލު ބޮޑުވުމަށް އިސް ރޯލެއް އަދާކުރާ ކަމަކަށް ވެދާނެއެވެ. އޭގެތެރެއިން އެއްކަމަކީ އަހަރުމެން ގެންގުޅޭ އިލެކްޓްރޯނިކް ޑިވައިސްތައް އޯވަރ ޗާޖުކުރުމެވެ. ދެން ކަރަންޓު ބިލު ބޮޑުވެގެން މީހާގެ ދެލޯ ބޮޑުވާ ކޮންމެފަހަރަކު، ހެއްދެވި ނުހެއްދެވިއެއް ގޮވަންވީ ސްޓެލްކޯއަށް ހެއްޔެވެ؟ އިންޖީނުގޭގައި ކުރަން ހުރިއްޔާ ހުރިކަމެއް ބަހައްޓާފައި އިލެކްޓްރޯނިކް ޑިވައިސްތައް ޗާޖުން ނައްޓައިދޭންވެސް އަންނަންވީ ސްޓެލްކޯގެ މުވައްޒަފުން ހެއްޔެވެ؟ އަމިއްލަ ޢަމަލުތަކުގެ ސަބަބުން ކަރަންޓު ބިލަށް ބަދަލެއް އަންނައިރަށް ސްޓެލްކޯއަށް އިނގިލި ދިއްކުރުމަކީ އަދި ހައްލެއް ނޫނެވެ.

 

އޯވަރ ޗާރޖުކުރުމޭ ބުނެވެނީ %100 ޗާރޖުވެފައި އޮންނައިރުވެސް، ޗާރޖަށް ޖަހާފައި އެ އޮންނަ އެއްޗެއް ޗާރޖަރުން ނައްޓާނުލާ ބޭއްވުމަށެވެ. ބޭކާރު ޗާރޖު ކުރުމަށެވެ. މިސާލަކަށް ފޯނު، ޓެބްލެޓް އަދި ލެޕްޓޮޕްފަދަ ވަސީލަތްތައް ޗާރޖަށް ޖެހުމަށްފަހު، އެންމެ ފުރިހަމައަށް ޗާރޖުވުމުންވެސް އެތަކެތި ޗާރޖުން ނުނައްޓާލާ ބޭއްވެއެވެ. ގިނަފަހަރަށް ގިނަމީހުން އެފަދަ ތަކެތި ޗާރޖުކުރަނީ ރޭގަނޑު ނިދަން އޮށުއަތުމުގެ ކުރިންނެވެ. މުޅި ހަތަރުދަމު ފާއިތުވެގެންދާއިރު، އެ ވަސީލަތްތައް ޗާރޖުވެގެން ކިތަށްމެ އިރެކެވެ. %100 އަށް އެރީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ނަމަވެސް ގިނަ މީހުންނަށް ފަހުމުނުވެފައި އޮންނަ ކަމެއް މީގެތެރެއިން އެބަވެއެވެ. ޗާރޖުވެ ނިމުމަށްފަހުވެސް، އެ ވަސީލަތްތައް ޗާރޖުން ނައްޓާނުލާ އޮންނަ ވަގުތުތަކަކީ، އެ ޗާރޖަރުގެ ޒަރީޢާއިން ކަރަންޓު ބޭނުންކުރެވޭ ވަގުތުތަކެކެވެ.

 

ލޯރެންސް ބަރކްލީ ނެޝަނަލް ލެބޯޓްރީއިން ޢާއްމުކޮށްފައިވާ ’ސްޓޭންޑްބައި ޕަވަރ ސަމަރީ‘ އިން ދައްކާ ގޮތުގައި، އިލެކްޓްރޯނިކް ވަސީލަތްތައް ޗާރޖަށް ޖަހާފައި ސްވިޗް ނުޖެއްސިޔަސް، ނުވަތަ އެއްކޮށް ޗާރޖުކޮށް ނިންމާފައި ޗާރޖަރުން ނައްޓާނުލާ އޮތަސް ކަރަންޓު ބޭނުންކުރެވެމުންދެއެވެ. %100 އަށް ޗާރޖުވެފައި އޮންނަ ފޯނަކުން 2.24 ވޮޓްސްގެ ކަރަންޓު ދަމައިގަނެއެވެ. ނުވަތަ ފޯނު ޗާރޖު ކުރެވެމުން ދިޔަ ވަގުތު ބޭނުންކުރި ކަރަންޓުގެ 60 އިންސަންތަ ކަރަންޓު، ފޯނު ޗާރޖުވެ ނިމޭފަހުން އަނެއްކާ އަތުލައިގަނެއެވެ. ޗާރޖުކޮށް ނިމިފައި އޮންނަ ލެޕްޓޮޕެއްގެ ޒަރީޢާއިން ކަރަންޓު ބޭނުންކުރެވޭ މިންވަރު މިއަށްވުރެ އިތުރެވެ. އެގޮތުން، އެއްކޮށް ޗާރޖުވެފައި އޮންނަ ލެޕްޓޮޕަކުން 29.48 ވޮޓްސްގެ ކަރަންޓު ބޭނުންކުރުވައެވެ. އެއީ ލެޕްޓޮޕް ޗާރޖުވަމުން އައި ވަގުތު ބޭނުން ކުރެވުނު 44.28 ވޮޓްސްގެ 66 އިންސަންތައެވެ. ހާމަވާން މިއޮތީ އިލެކްޓްރޯނިކް ޑިވައިސްތައް ޗާރޖުވުމަށްފަހުވެސް، އެ ޗާރޖަރުން ނައްޓާނުލާ ބޭއްވުމުން ކަރަންޓު ޚަރަދުވާ މިންވަރެވެ. ބޭކާރުވެގެން އެދަނީ މަދު މިންވަރެއް ނޫނެވެ. އެ ވަސީލަތްތަކުން ’ކަމުން‘ އެދަނީ ކުޑަކުޑަ މިންވަރެއްގެ ކަރަންޓެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން، އެ ޚަރަދުވާ ކަރަންޓުތައް ފެންނަނީ ކަރަންޓު ބިލު އައީމައެވެ. ބޭކާރު ގޮތުގައި ހޭދަވާ ކަރަންޓުގެ ސަބަބުން ކަރަންޓުބިލު އެތަށް ގުނައަކަށް ބޮޑުވެއެވެ.

 

އެއްވެސް ފޯނެއް ނުވަތަ ވަސީލަތެއް ނެތި، ހަމައެކަނި ހުސް ޗާރޖަރު ސުވިޗުގައި ބޭންދުމުންވެސް ކުރަނީ އެއްކަހަލަ އަސަރެކެވެ. ޗާރޖަރުގައި އަތްލުމުން އެ އިޙްސާސްވާ ހޫނުކަމަކީ ބޭކާރުވެގެންދާ ކަރަންޓުގެ ނިޝާނެވެ. ބަރކްލީ ލެބުން ކުރެވުނު ޓެސްޓުތަކުން ދައްކާ ގޮތުގައި، އެފަދައިން ސްވިޗަށް ދޫކޮށްލެވިފައިވާ ފޯނު ޗާރޖަރަކުން 0.26 ވޮޓްސް ބޭނުންކުރެވޭއިރު، ލެޕްޓޮޕްގެ ޗާޖަރަކުން 4.42 ވޮޓްސް ދަމައިގަނެއެވެ. މިއީ ކުދިކުދި ކަންތައްތައް ކަމުގައި ފެންނަ ނަމަވެސް، ބޮޑެތި އަސަރުތަކެއް ކުރާ ކަންތައްތަކެވެ.

 

އެހެންކަމުން، ކަރަންޓު ބިލަށް އަރާ މިންވަރު މަދުކޮށް، ކަރަންޓު ޚަރަދު ކުޑަކުރަން ބޭނުންނަމަ މިފަދަ ކަންކަމުން އެއްކިބާ ވާންޖެހެއެވެ. އެފަދަ ޑިވައިސްތައް ޗާރޖުވުމުން، ޗާރޖުން ނައްޓާލެވޭނެފަދަ ވަގުތުތައް އިޚްތިޔާރު ކުރެވިދާނެއެވެ. ފޯނުފަދަ ވަސީލަތްތައް ޗާރޖުވުމަށް ގިނަފަހަރަށް 3 ގަޑިއިރަށްވުރެ ގިނަ ވަގުތެއް ނުނަގާނެއެވެ. މީގެއިތުރުން، ޗާރޖުވުމުން ކަރަންޓު ބޭނުން ނުކުރާފަދަ ގޮތްތަކަށް ފަރުމާކޮށް، އުފައްދާފައިވާ ޗާރޖަރުތައް ބޭނުންކުރަން ފެށުމަކީ އެޅިދާނެ ފިޔަވަޅެކެވެ. ޗާރޖުކޮށް ނިމުމުން ސްވިޖު ނިންވާލާ، އިލެކްޓްރޯނިކް ވަސީލަތްތައް އޯވަރ ޗާޖުކުރުމުން (ބޭކާރު ޗާރޖުކުރުމުން) ދުރުހެލިވުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!