ހީކުރިވަރަށް ވުރެ ބޭންކުތަކަށް ތިޔާގިކަން ވަދެފައިވާކަމަށް ރާއްޖޭގައި އޮޕަރޭޓް ކުރާ، ދާއިރާގައި ފަންނީ ބޭންކަރަކާ ހަވާލާދީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ ކަމަށާއި އެ މަސައްކަތް ކުރެވިގެން މިހާރު ކުރިއެރުންތަކެއް ލިބެމުންދާކަމަށެވެ.
ނިޔަތަކީ އެއްވެސް ރައީސްއަކަށް އެއްވެސް ސަރުކާރަަކަށް ބަދުބަހެއް ބުނުން ނޫން ކަމަށާއި އެހެން ސަރުކާރަކުން ނުކުރާ ކަމެއް ރައީސް ޑރ.މުހައްމަދު މުއިއްޒު އެކަން ކުރުމަށް ރަނގަޅު ނިންމުންތަކެއް ނިންމާފައިވާކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.
މިޒަމާނާ ގުޅޭގޮތަށް ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދީ ތަނބު ކަމަށްވާ ޓޫރިޒަމްގެ އާމްދަނީ، އެ ސިނާއަތުގެ ނަފާވެރިކަން އާންމު ރައްޔިތުންނަަށް އިތުރު ކުރުމަށްޓަަކައި ކަންތައްތަކެއް ޕޮސިޓިވްކޮށް ރައީސް މުއިއްޒު ނިންމަވާފައިވާކަން ސައީދު ވިދާޅުވިއެވެ. އަދި އެކަން ހައްލުކުރުމަށް މިވަގުތު ރައީސް ދަނީ ޓޫރިޒމް މިނިސްޓްރީއާ، އިންޑަސްޓްރީއާއި، ވަޒީރުން އަދި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ކަމަށް ސައީދު ވިދާޅުވިއެވެ.
”މިކަމުގަައި ޕޮސިިޓިވް އައުޓް ލުކްއެއް އޮތްކަން ފާހަގަވޭ، މިސާލަަކަށް އިއްޔެ އަޅުގަނޑާ ދިމާވި ބޭންކާއަކާ ހަމަ، ރާއްޖޭގެ އޮޕަރޭޓް ކުރާ ބޭންކާއެއް އެ ބޭފުޅުން ވިދާޅުވީ ލިކުއިޑިޓީގައި، އަޅުގަނޑު އެހި ސުވާލެއް އެއީ މިދިޔަ އަހަރުތެރޭގައި އައި ބަދަލަކީ ކޮބައިކަން ވިދާޅުވެދެއްވާށޭ ، އިކޮނޮމީ އާ ދޭތެރޭ މިހާރު އޮތް ކޮންފިޑެންސް އަކީ ކޮބާތޮއޭ ، ދާއިރާގައި ފަންނީވެސް ބޭފުޅެއް ކަމަށް އެ ބޭންކަރު ވިދާޅުވީ ތިމަންނަމެން އެންޓިސިޕޭޓް ކުރިވަރަށް ވުރެ ބޮޑަށް ލިކުއިޑިޓީގެ ތިޔާގިކަން ބޭންކުުތެރެއަށް އެބަ އާދެއޭ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ސަރުކާރުން ގެނައި މަނިޓަރީ ސިޔާސަތުގެ ދަށުން ، އެއީ ޕޮސިޓިވް އެކޭ“ ސައީދު ވިދާޅުވިއެވެ.
ލިކުއިޑިޓީގެ ޕޮސިޓިވް އިމްޕެކްޓްއެއް މާކެޓަށް އައިސްފިކަމަށްވާނަމަަ ބޭންކާސް ގަބޫލުކުރަނީ އެއީ ޕޮސިޓިވް ކަމެއް ކަަމަށާއި އެއީ ވިޔަފާރީތައް އިތުރަށް ފުޅާވެގެން ގޮސް އޮތް ޗެލެންޖުތައް ނުވަތަ ގޮންޖެހުންތައް ހަނިކުރުމަށް ލިބޭ ފުރުސަތަކަށް ވެެގެން ދާކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެއީ ބޭންކިން ނިޒާމުގައިވެސް ކަމާބެހޭ ފަރާތްތަކުން މެރިޓް ކުރައްވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.