މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ހުއްޓުމެއްނެތި ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން، މި މަހުގެ 20 ވަނަ ދުވަހު ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެއްގެ އިތުރުން ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ ތަންތަނުގައި ޞައްޙަ ވިސާއެއް ނެތި މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރޭގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. އަދި އޭގެ ތެރެއިން 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޑިޕޯޓްކޮށްފައިވެ އެވެ.