ގައުމުގެ ހާލަތު ބޮއްސުން ލާފައިވަ ސްރީ ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ ގައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެ ވަޑައިގެންފިއެވެ.
ސީއެންއެންގައި ރިޕޯޓްކޮށްފައިވާގޮތުގައި ގޮތާބޭ އާއި އޭނާގެ އަނބިކަނބަލުން މިހާރު ތިއްބެވީ ރާއްޖޭގައެވެ. ރާއްޖެ އައީ އަސްކަރީ ޖެޓެއްގައި ކަމަށް ރިޕޯޓްކޮށްފައިވެެއެވެ.
“އޭ އެން 32، ޓްރޫޕް ޓްރާންސްޕޯޓް ޕްލޭން” އެއްގައި ލަންކާއިން ފުރައިގެން ރާއްޖެ އައި އެ ޖެޓު ރާއްޖޭގައި ޖައްސަން އުޅުމުން ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓްރޯލުން ފުރަތަމަ އެކަން މަނާކުރިކަމަށް ސީއެންއެންގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. އަދި އެ ހުއްދަ އެ ޖެޓަށް ލިބުނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމުގެ ތެރެއަށް ވަދެވަޑައިގެންނެވުމުން ކަމުގައިވެސް ސީއެންއެންގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
އިތުރު ބައެއް މީޑިއާ ރިޕޯޓްތަކާއި މަސްދަރުތައް ބުނާގޮތުގައި ގޮތާބޭއަށް މަރުހަބާ ދެންނެވުމަށް ރައީސް ނަޝީދު އެއާޕޯޓަށްވެސް ވަޑައިގެންނެވިއެވެ.
ސީއެންއެންއިން ބުނެފައިވަނީ އެކަމަށް ރައީސް ނަޝީދުގެ ބަހެއް ހޯދާލަން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާކަމަށެވެ.
ގޮތާބޭ ފިއްލަވައިގެން އަސްކަރީ ޖެޓެއްގައި ރާއްޖެވަޑައިގެންފައިވާއިރު އިއްޔެވެސް ގޮތާބޭ ވަނީ ގައުމު ދޫކުރައްވައި ދުބާއީއަށް ދާން މަސައްކަތްޕުޅު ކުރައްވާފައެވެ. ނަމަވެސް ސްރީލަންކާގެ އިމިގްރޭޝަނުން ގޮތާބޭ ފުރުން ހުއްޓުވިއެވެ.
ގޮތާބޭ ރާއްޖެ ވަޑައިގެންފައިވާއިރު ސްރީ ލަންކާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބައެއް ގައުމުތަކުން ގޮތާބޭ އަށް ރައްކާތެރިކަމާ ހިމާޔަތްދޭން ދިޔައީ ދެކޮޅު ހަދަމުންނެވެ.
ގޮތާބޭ އާއި އޭނާގެ އަނބިކަނބަލުން ރާއްޖެވަޑައިގެންނެވިނަމަވެސް ރާއްޖޭގައި މަޑުކުރައްވާނެކަން ޔަގީނެއް ނޫނެވެ. ބޮޑަށް ބެލެވެނީ ރާއްޖެއިން ދުބާއީއަށް ދަތުރުކުރާނެ ކަމަށެވެ. އެގޮތަށް ބެލެވެނީ ގައުމުގައި ހުންނަވައިގެންވެސް ދެ ފަހަރެއްގެ މަތިން ދުބާއީއަށް ދާން މަސައްކަތްޕުޅުކުރައްވާފައިވުމުންނެވެ.
ގައުމު ދޫކުރައްވާ ފިއްލަވައިގެން ގޮތާބޭ ރާއްޖެވަޑައިގެންފައިވާއިރު މިއަދަކީ ގޮތާބޭ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރައްވާފައިވާ ދުވަހެވެ. އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރެއްވީ ހޮނިހިރު ދުވަހު ގައުމުގެ އާއްމު ރައްޔިތުން ނިކުމެ ގޮތާބޭގެ ރަސްމީ ގެކޮޅު ހިސޯރުކުރުމުން ފިއްލަވައިގެން އަސްކަރީ މަނަވަރެއްގައި ހުންނަވައިގެންނެވެ.