ރައީސް އިބުރޭ 2028ގެ ރިޔާސީ އިންތިހާބަށް ނިކުންނަން ނިންމައިފި
ދެންމެ | 05 އޭޕްރިލް 2025

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އިތުބާރުހުރި މަސްދަރަކުން ކަށަވަރުވެފައިވާގޮތުގައި ރައީސް ސޯލިހު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން އެމަނިކުފާނުގެ ބައެއް އަރިސް ބޭފުޅުންނާ ހިއްސާކުރައްވާފައެވެ.

އެމަނިކުފާނަށް ތާއީދު ހޯދުމުގެ މަސައްކަތް ވެސް މަޑުމަޑުން ކުރިއަށްދާކަން އެކި މަސްދަރުތަކުން ވަނީ އެނގިފައެވެ. ސޯޝަލް މީޑިއާގައި ވެސް އެ ކެމްޕޭން ކޮންމެވެސް ވަރަކަށް އެބަކުރެއެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ސުވާލު ކުރުމުން ރައީސް ސޯލިހު ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ނިންމެވުން ޕާޓީގެ ލީޑާޝިޕަށް އެނގޭނެ ކަމަށެވެ. އެއަށްފަހު ވިދާޅުވީ މަސްލަހަތަށްޓަކައި އިތުރަށް އެކަމުގެ ތަފްސީލު ހާމަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެކަންޏެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިތުބާރުހުރި މަސްދަރަކުން ވަނީ އެނގިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!