ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމުމުގެ މަސައްކަތަށް ސައޫދީ ފަންޑުން ދޫކުރާ ލޯނުގެ އެއްބަސްވުމާއި ހެޔޮ އަގުގައި ދޫކުރުމަށް އެ ފަންޑުގެ ލޯނުގައި ހުޅުމާލޭގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓުގެ ބިން ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކުރަން ސަރުކާރުން ނިންމައިފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރައްވާނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދެވެ.
ވީއައިއޭގެ އާ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއަށް މިއީ ސައޫދީ ފަންޑުން ދޭ ދެ ލޯނެވެ.
މިދިޔަ އަހަރުގެ މޭ މަހު އެ ފަންޑުގެ އިސްވެރިޔާ މަރުޝަދު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ވަނީ އާ ޓާމިނަލް ނިންމަން އޭރު އިތުރަށް ބޭނުންވި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއްގައި ސޮއިކުރައްވައިފަ އެވެ.
ވީއައިއޭ ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.
ސައޫދީ ފަންޑުގެ ލޯނުގެ އެހީގައި އިމާރާތްކުރާ އެފޯޑަބަލް 400 ހައުސިން ޔުނިޓު އިމާރާތް ކުރަން ނިންމާފައި ވަނީ ހުޅުމާލޭގަ އެވެ. އެނގިފައިވާ ގޮތުގައި އެޗްޑީސީގެ ފަރާތުން ބިން ހަވާލުކުރުން މާދަމާ އޮންނާނެ އެވެ.
ސައޫދީ ފަންޑުގެ އިސްވެރިޔާ ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ސޮއިކުރައްވާ ލޯނު އެއްބަސްވުމުގައި ހިމެނޭ އަދަދުތަކާ ގުޅޭ ތަފުސީލެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް މި އަހަރު ނިންމުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވާއިރު، އެ ތަން ނިންމުމާ އެކު އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.