އަޅުގަނޑަށް ވަރަށް ދަތިޙާލުގައި ދިރިއުޅޭ މީހަކީމެވެ. ފަޤީރެއް ކަމަށް ބުނާކަމަށް ނެތީމެވެ. އެއީ އަދި މިހައި ތަނަށް ކޮންމެ ދުވަހަކުވެސް އެއް އިރު ނަމަވެސް ކާން ލިބި އަނބިދަރިންނަށްވެސް ކާންދެވޭތީއެވެ. އަޅުގަނޑުމެން މިހާރު މިތިބީ ދުވާލަކު އެއް އިރު ކައިގެން ތިބެން އާދަވެސްވެފައެވެ.
މިޙާލުގަ އުޅެންޖެހެނީ ލިބޭ މުސާރައިން ދިރިއުޅޭތަނުގެ ކުއްޔާއި ބިލްތައްދައްކާފައި އަދި 2 ދަރިންގެ ސްކޫލް ޚަރަދުތައްފަދަ ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކޮށްފައި އިތރުުނުވާތީއެވެ.
އަޅުގަނޑު އެންމެ ބޮޑަށް ދެރަވަނީ ދަތިޙާލުގައި އުޅެންޖެހޭތީއެއް ނޫނެވެ. ނިކަމެއްޗަކަށް ޞަދަޤާތްކޮށްނުލެވޭތީއެވެ. އެކަމަށް ކަންބޮޑުވެވޭވަރު ބޮޑުކަމުން ޚިޔާލަކަށް އަހައިލެވުނީއެވެ.
ފުރަތަމަ ކަމަކަށް ކިޔުންތެރިޔާއަށް ކުރިމަތިވެފައިވާ ޙާލަތުން ސަލާމަތްވެވޭނެ މަގެއް ދައްކަވައި ރިޒުޤް ތަނަވަސްކޮށްދެއްވެވުން އެދި ދުޢާކުރަމެވެ. ދެން ބުނެލަން އޮތީ އަތުގައި ފައިސާ ނެތުމަކީ ޞަދަޤާތް ނުކުރެވިގެން ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެހެން މީހުންނަށް ހެޔޮ އެދިގެން ދުޢާކުރާށެވެ! އަތުން ކޮށްދެވުނު ކަމެއްވެސް ކޮށްދޭށެވެ. އެހެރީ ހައްތާވެސް ޞަދަޤާތެވެ.
މިމޭރުމުން ކަންބޮޑުވެލައްވާ ކިޔުންތެރިންނަށް ތިރީގައި އެވަނީ ވަރަށް ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެވެ. ވިދާޅުވެލައްވައި އެފަދަ މަގަކުން ޞަދަޤާތް ކުރައްވަން މަސައްކަތްކުރައްވާށެވެ! ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
އަހަރެމެންގެ ކިބައިގައި އަށަގެންފައިވާ އެންމެ ނުބައި އެއް އާދައަކީ އެކަމަކާއި ބެހޭ ގޮތުން އެއްވެސް ކަމެއް ނުއެނގުނު ނަމަވެސް އަދި މައުލޫމާތު ލިބިފައި ނުވި ނަމަވެސް އެހެން މީހުން ކުރާ ކަންކަމަށް ބެހި ފާޑުކިޔުމެވެ. ޙަޤީޤަތް އޮޅުންފިލުވަން މަސައްކަތް ނުކޮށްވެސް ހަޖޫޖެހޭ ކަމެވެ. މަލާމާތަށްވާ ޒާތުގެ ބަސްތައް ބުނެވޭއިރުވެސް މިކުރެވެނީ ފުރައްސާރަކަންވެސް އޮންނަނީ ނިއެނގިފައެވެ.
ކޮންމެއަކަސް މިރޭ މިކިޔައިދެނީ މިފަދަ ފުރައްސާރައެއްގެ ސަބަބުން ވަގުތުން ނިކަމެތިކަން ފިލައި ފުދުންތެރި ދިރިއުޅުމަކަށް މަގުފަހިވި މީހެއްގެ ވާހަކައެވެ.
އެއް ދުވަހަކު ގިނަ ބައަކު ތިބި މަޖިލީހެއްގައި އިން މީހަކަށް ނިޞްބަތްކޮށް މީހަކު ބުންޏެވެ. ”މީނާއަކީ ކޮންމެ ދުވަހަކު ހޮސްޕިޓަލަށް ގޮސް އެތަނުގައި ތިބޭ ބަލި މީހުންގެ ގާތަށް ގޮސް ހާލު އަހައި އުޅޭ މީހެކެވެ. ނަމަވެސް ދުވަހަކުވެސް ބަލިމީހަކަށް އެއްވެސް އެއްޗެއް ދިއްކޮށްލާ ތަނެއްވެސް ނުފެނެއެވެ. ވީއިރު އެއީ ކީއްކުރަން ކުރާ ކަމެއް ހެއްޔެވެ؟“
އެވަގުތު އެމަޖިލީހުގައި އެންމެ އިސްކޮށް އިންނެވި ޝައިޚް އެ ސުވާލު ނިޞްބަތްކުރެވުނު މީހާގެ ކިބައިން ޖަވާބަކަށް އެދިވަޑައިގެންނެވުމުން އޭނާ ދެންނެވިއެވެ. ”އަޅުގަނޑަކީ ވަރަށް ނިކަމެތި ފަޤީރަކީމެވެ. ދިރިއުޅެނީ ވަރަށް ފަޤީރު ޙާލުގައެވެ. އެހެންކަމުން އެމީހުންނަށް ޒިޔާރަތް ކުރި ނަމަވެސް އެއްޗެއް ނުދެވެނީ އެވެ. ދޭނެ ހަދިޔާއެއް ނުލިބުނު ނަމަވެސް އަޅުގަނޑު އެކަން ކުރަނީ އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭނެ ޙައްޤެއް ކަމަށް ހަދީޘްފުޅުގައި އޮތުމުން އެ ޙައްޤު އަދާކުރުމަށެވެ. އެމީހާ އެބުނާ ވާހަކައަކީ މުޅިއަކުން ތެދެއްވެސް ނޫނެވެ. އަޅުގަނޑު ކޮންމެ މީހަކަށްވެސް ވަރަށް އަގު ބޮޑު ހަދިޔާއެއް ދެމެވެ. އެއީ އަޅުގަނޑުގެ ހެޔޮ ދުޢާއެވެ. ހަމަ ކޮންމެ މީހަކާއިވެސް ވަކިވަނީ އެމީހަކަށް އަވަސް ޝިފާޢަކަށް އެދި ދުޢާކޮށްފައެވެ. ހެޔޮ ރަޙްމަތްފުޅު މިންވަރު ކުރެއްވެވުން އެދިވެސް ދުޢާ ކުރަމެވެ.
މުއްސަނދިން ހަދިޔާ ބަހަނީ ކޮންމެވެސް ކަމެއް ފާހަގަކުރާށެވެ. އަހަރުގެ މަދު ދުވަސަތަކެއްގައެވެ. އަޅުގަނޑު ގަދަވެ ސަލާމަތުން ހުރި ނަމަ ކޮންމެ ދުވަހަކު ޢަޞްރުނަމާދަށްފަހު 2 ގަޑިއެއް ހައިއިރު އަޅުގަނޑުގެ ހަދިޔާ ބަހަމެވެ.“
ޝައިޚް ވިދާޅުވިއެވެ. ”ބަލިވެގެން ނަމަވެސް ހާލުގައި ތިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. އެއީ ކުރެވޭ ވަރަށް މަތިވެރި ޞަދަޤާތެކެވެ. ހަމަ އެއާއެކު އޭނާ އެބަހަނީ އަދި މާ އަގުބޮޑު ޞަދަޤާތެކެވެ. އެ ޞަދަޤާތުގެ ސަބަބުން ބަލިމީހާއަށާއި ޞަދަޤާތްކުރި މީހާއަށް ވެސް ފައިދާކުރާނެ ޞަދަޤާތެކެވެ. އެއީ ހަމަ ކޮންމެ މީހަކުވެސް ބަހަން ޖެހޭ ޞަދަޤާތެކެވެ.“
ޝައިޚުގެ ވާހަކަފުޅު އަޑު އިވުމުން އެމަޖިލީހުގައި އިން މުއްސަނދި ވިޔަފާރިވެރިއަކު ބުންޏެވެ. ”ތިބާ ތިއަ ބަހާ ޞަދަޤާތުގައި ބައިވެރިވާން އަހަރެންވެސް ބޭނުމެވެ. ވީމާ އަހަރެންވެސް ބައިވެރިކޮށްދޭށެވެ. ކޮންމެ ދުވަހަކުވެސް ޢަޞްރު ނަމާދުން ފައިބައިގެން އަހަރެންގެ ފިހާރައަށް އަންނާށެވެ. އަހަރެންނަށް އެދުވަހަކު ދެވެން އޮތް ވަރަކަށް ތިބާގެ އަތުން ބަހާނެ ހަދިޔާ ދޭނަމެވެ. ދެން ތިބާގެ ހިތުން ބަހަމުން ތިއަ ގެންދާ ބައި ހަމަ ހިތުން ބަހަމުން ގެންދާށެވެ. އަހަރެން ދޭ ހަދިޔާ ތިބާގެ އަތުން ބަހައިދޭތީ އެކަމަށް އުޖޫރައެއްގެ ގޮތުން ކޮންމެ މަހަކުވެސް ރަނގަޅު ހަދިޔާއެއް ދޭނަމެވެ. ﷲ އިރާދަ ކުރެއްވިއްޔާ ތިބާގެ ދުލުން ”ތިމަންނާއަކީ ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާ ފަޤީރެއް“ ކަމަށް ބުނަން ނުޖެހޭނެވަރު ކޮށްދޭނަމެވެ.“
މިކިޔައިދިން ވާހަކައިން ޙާޞިލުކުރަން ޖެހޭ 2 ޢިބްރަތެއް ވެއެވެ. ފުރަތަމަ ކަމަކީ ބަލިމީހުންނަށް ޒިޔާރަތްކުރަންވީ ހަމައެކަނި އަތުން ހަދިޔާ ބަހަން ނޫން ކަމެވެ. ބަލި މީހުންނަށް ޒިޔާރަތްކޮށް ހެޔޮ ދުޢާ ކުރުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެއް ކަމެވެ. ދެވަނަ ކަމަކީ އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުންމަތީގައި ދެމިހުންނަ މީހަކަށް ނުވެސް ވިސްނޭނެ ފަދަ ގޮތްގޮތުން ﷲ ތަޢާލާ ރަޙްމަތްފުޅު މިންވަރުފުޅު ކުރައްވަވާނެ ކަމެވެ.
މީސްތަކުންނޭވެ! އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ! މީހުންނަށް ފުރައްސާރަ ނުކުރުމަށާއި ފުރައްސާރަކުރާ މީހާއަށްވުރެ ފުރައްސާރަ ކުރެވުނު މީހާ މާމަތިވެރިވެދާނެ ކަމަށް އޮތް ވަޙީބަސްފުޅަށް ވިސްނާށެވެ. އެ މަޖިލީހުގައި ފެނިގެން އެދިއައީ އެފަދަ ކަމެކެވެ. ނިކަމެތިމީހާއަށް ކުރެވުނީ ފުރައްސާރައެކެވެ. އަގު އުފުލި އާމްދަނީ ލިބޭނެ މަގު ވަގުތުން ފައިވެގެން އެދިއައީ އެ ނިކަމެތި މީހާއަށެވެ. އެފުރައްސާރަ ކުރިކަން ވެގެން އެދިއައީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިދިން ކަމަކަށް ނޫން ހެއްޔެވެ؟ ﷲ ތަޢާލާގެ ރަޙްމަތް އޮއްސަވަންވުމުން އެކަން މިންވަރުކުރައްވަވާނެ މަގު ނުވެސް އެނގޭނެއެވެ!