ރައީސް މިކަން ހާމަކުރެއްވީ ރައްޔިތުންނާއި އެކު މި ނަމުގައި އެމަނިކުފާނު މިހާރު ކުރިޔަށް ގެންދާ ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
އަންނަމަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. އެދުވަހު ނޫސްވެރިންނާއި ބައްދަލުކުރަންވަން ނިންމެވިކަން ހާމަކުރައްވާ ރައީސް މުއިއްޒު މިއަދު ވަނީ އެދުވަހަށް ނޫސްވެރިން ތައްޔާރުވުމަށް ދައުވަތުދެއްވާފައެވެ.
މީގެއިތުރުން ޓީވީ ސްޓޭޝަނަކުން ދައުވަަތު ދީފި ނަމަ، އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވާން ތައްޔާރަށް ހުންނެވިކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ”ޒުވާން ޖެންޒީ ކެޓަގަރީގެ“ އުމުރުފުރާއަށް ހާއްސަކޮށްގެން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ގަސްތުކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ 3 ވަނަ ފަހަރެވެ. އެގޮތުން ތުރުކީ އާއި ކޮޕް28 ސަމިޓުން އެނބުރި ރާއްޖެ ވަޑައިގެން، 3 ޑިސެމްބަރު 2023ގައި އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ. އޭގެ ފަހުން ކެބިނެޓްގެ ބައެއް ނިންމުންތައް ހާމަ ކުރުމަށް 5 ޑިސެމްބަރު 2023 ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރެއްވިއެވެ. އަދި ޗައިނާ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން 13 ޖެނުއަރީ 2024 އެއާޕޯޓުގައި ވެސް ނޫސްވެރިންނާއި ވަނީ ބައްދަލުކުރައްވާފައެވެ.