ރާއްޖޭގައި ދުންފަތް ވިއްކުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ލައިސަންސްތައް ދޫކުރަނީ 5 އަހަރު ދުވަހަށެވެ. ފަސް އަހަރަށްފަހު އަލުން ލައިސަންސް އައު ކުރަންޖެހޭ ކަމަށާއި ލައިސަންސް ނެގުމަށާއި އައު ކުރުމަށްވެސް ފީ ދައްކަންޖެހޭނެ ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް ނެގުމަށާއި އައު ކުރުމަށް 5000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. އަދި އެހެން ލައިސަންސް ނެގުމަށާއި އައު ކުރުމަށް 10،000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު“ ގެ ދަށުން އާންމުކޮށްފައިވާ ”ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ޤަވާޢިދު“ގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްކުރާ ފަރާތްތަކަށް ލައިސަންސް ނެގުން ލާޒިމުވެއެވެ.
އެހެންކަމުން ، އެ ލައިސަންސްތައް ހޯދުމަށާއި ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.
މި ލައިސަންސްތަކަށް އެދި ވަންގަވް ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ސިއްޙީ ވުޒާރާއިން ވަނީ ރާއްޖޭގައި ދުންފަތުގެ ވިޔަފާރި ކުރަމުން އަންނަ ހުރިހާ ފަރާތްތަކުން މިއަދުން ފެށިގެން 3 މަސްދުވަހު ތެރޭގައި ލައިސަންސް ނެގުމަށް އަންގާފައެވެ.