މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އޭނާގެ އާއިލާގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކޮށް މިރޭ ހުށަޙަޅައިފި އެވެ.
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވި އުމުރުން 21 އަހަރުގެ ޔުމްނު އިތުރު ފަރުވާއަށް މިހާރު ވަނީ، އާއިލާ އިން މެލޭޝިއާ އަށް ގެންގޮސްފަ އެވެ.
ޔުމްނުގެ އާއިލާގެ ކަންބޮޑުވުންތައް ސީދާ ރައީސް މުއިއްޒާ ހަމައަށް ގެންދިޔައީ އެ މަނިކުފާނު މިހާރު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
ގާތްގަނޑަކަށް ސާޅީސް މިނިޓަށް ސީދާ ރައީސް މުއިއްޒާ އެކު ބޭއްވި ”ވަން ޓު ވަން“ ބައްދަލުވުމުގައި ޔުމްނުގެ އާއިލާ އިން ވަނީ މި މައްސަލަ ފުލުހުން ބަލަމުންދާ ގޮތާ މެދުގައި ހުރި ހިތްހަމަނުޖެހުންތަކާއި އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުތަކާ ގުޅޭ ބައެއް މައްސަލަތައް ވެސް ރައީސްއާ ހިއްސާ ކޮށްފަ އެވެ. ހާއްސަކޮށް ސީސީޓީވީ ފުޓޭޖު ފުލުހުން އާންމު ކޮށްފައިވާތީ އޭގެ ކަންބޮޑުވުންތައް އާއިލާ އިން ރައީސާ ހިއްސާ ކުރި އެވެ.
ރައީސް މުއިއްޒާ ވަކިން ބައްދަލުކުރުމަށް ފަހު އާއިލާ އިން ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންއާ ވެސް ވަކިން 15 ވަރަކަށް މިނިޓަށް ބައްދަލުކޮށް ކަންބޮޑުވުންތަކާއި ތަހުގީގުގައި ހުރި މައްސަލަތައް ކިޔައި ދީފަ އެވެ.
އިހުސާންއާ ސުވާލު ކުރުމުން ވިދާޅުވީ، މި ތަހުގީގުގެ ތެރޭގައި ފެތުރޭ ދޮގުތަކާއި ތެދު ވާހަކަތައް ވެސް ޔުމްނުގެ އާއިލާއާ އަށް އޭނާ ވިދާޅުވެ ދެއްވި ކަމަށެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް މި މަހުގެ 18 ވަނަ ދުވަހު ގ. ރަނައުރާގޭއާގޭ، ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް މުއިއްޒު ވަނީ މިދިޔަ ހޮނިހިރު ދުވަހު ހާއްސަ ކޮމިޝަނެއް ވެސް އުފައްދަވައިފަ އެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަންގެ ރައީސަކީ ޑރ. މުހައްމަދު މުނައްވަރެވެ. މުނައްވަރުގެ އިތުރުން އެ ކޮމިޝަނުގައި އިތުރު ހަތަރު ބޭފުޅަކު ތިއްބަވަ އެވެ.
ރިޔާސީ ކޮމިޝަން އުފައްދަވައި ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ، އެ ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.