އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ތިބި ކުދިންތަކެއްގެ ކިބައިން މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެއެވެ.
އައިޖީއެމްއެޗުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެންއައިސީޔޫގައި ފަރުވާ ދެމުން ދިޔަ މަދު ކުދިންތަކެއްގެ ކިބައިން އެ ބެކްޓީރިއާ ފެނުމުން އިތުރަށް ފެތުރުނަ ނުދިނުމަށް ޓަކައި ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ބެކްޓީރިއާ ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ބަލި މީހުންނާއި ސިއްހީ މާހިރުންގެ ސަލާމަތަށް ޓަކައި އިތުރު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި މިފަދަ ބެކްޓީރިއާތައް އުފަންވުމަކީ ދިމާވާ ކަމެކެވެ. އާންމު އެންޓިބަޔޮޓިކަށް އެ ބެކްޓީރިއާ ނުގުޑައެވެ. އެހެންވެ، އެކަމުން ނުރައްކާތެރި އިންފެކްޝަނަކަށް މަގުފަހިވާ އެ ހޮސްޕިޓަލުން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.