ކުރީ ސަރުކާރުން އެކި ގައުމުތަކާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުވަސްތަކަކަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ވެފައިވާ އަސްކަރީ އެއްބަސްވުންތައް އާއްމުކުރުމަކީ އެމަނިކުފާނުގެ ވައުދެއްކަމަށާއި އެކަން ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.
އެކަން މިހާތަނަށް ނުކުރެވި އޮތީ އެއްބަސްވުންތަކުގައި ސިއްރުކުރަން ހިމަނާފައިވާ ނުކުތާތަކެއްގެ ސަބަބުންކަމަށާއި އެކަން އެ ގައުމުތަކާއި ގުޅިގެން މަޝްވަރާކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެެް ނެތްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
“ ބައިލެޓްރަލް މަޝްވަރާތައް އެކަމުގަ ކުރިއަށް އެބަދޭ. އޭގަ އިޝޫސްތަކެއް ހުރެގެނެއް ނޫން. އެހެން ނަމަވެސް ހާމަކުރާނެ ކަމަށް އަޅުގަނޑު ވައުދު ވެފައިވާތީ ބައިލެޓްރަލް ޑިސްކަޝަންތަކުގެ ތެރެއިން ހާމަކުރުމުގެ މަސައްކަތް ކުރެވޭތޯ. ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ މިހާރު ހުރެގެނެއް ނޫން،“ ރައީސް ވިދާޅުވި އެވެ.
ހައިޑްރޯގްރަފީ އެއްބަސްވުން ބާތިލުކޮށްފައިވާވީނަމަވެސް ދެން ހުރި އެއްވެސް އެއްބަސްވުމެއް މިހާތަނަށްވެސް ބާތިލުކޮށްފައެއް ނުވެއެވެ.