ސައުދީ ޕްރިންސް ފަހްދު: ރާއްޖޭގެ ތަރައްގީއަށް އިންވެސްޓް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފި
ދެންމެ | 05 މެއި 2025
ރާއްޖޭގައި ތަރައްގީ ކުރާ މާލީ މަރުކަޒަށް އިންވެސްޓް ކުރުމުގެ ޔަގީންކަން ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އަމީރު ފަހަދް ސައުދު އަލްޝަލަން ދެއްވައިފިއެވެ.

މިކަން ހާމަކުރީ ރައީސް އޮފީހުން އަމީރު ފަހަދް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތާއި ގުޅޭ ގޮތުން މައުލޫމާތު މިރޭ އާންމުކުރުމުންނެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓަރު (އެމްއައިއެފްސީ) ވެގެންދާނީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައި އެއް ތަނބަށް ކަމަށެވެ. އަދި ރާއްޖެއާއި ސައުދީ އަރަބިއްޔާގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތަކާ ބެހޭ މިނިސްޓްރީއާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ދެމެދު ވެވުނު އެމްއައިއެފްސީ އުފެއްދުމުގެ އެއްބަސްވުން ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަތުމުން، އެކަމަށްޓަކައި ރައީސް މުއިއްޒު ވަނީ ސައުދީ އަމީރަށް ޝުކުރު އަދާކުރައްވާފައެވެ.

ސައުދީ އަމީރު ފަހަދް ސައުދު އަލްޝަލަން ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސައުދީ އަރަބިއްޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައި، ދެގައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި ރާއްޖޭގެ ކުރިއެރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ތައުރީފުކުރައްވައި، ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. މި ޒިޔާރަތް ނިންމަވާލެއްވީ، ދެ ގައުމުގެ ގުޅުން ކުރިމަގުގައި އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!