ޖަޕާނު ސަރުކާރުން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުގެ ”އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހަދިޔާކުރަން ނިންމާފައިވާ ”ހާބަ ކްރާފްޓް ޕެޓްރޯލް ވެސަލް“ގެ ދެ އުޅަނދު ހަދިޔާކުރުމާ ގުޅޭ ”އެކްސްޗޭންޖް އޮފް ނޯޓްސް“ގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ކަނޑައަޅާފައި ހުންނަ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
ޖަޕާނު ސަރުކާރުގެ ”އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ގެ ދަށުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 400 މިލިއަން ޖަޕާނީސް ޔެން (2.8 ޑޮލަރު) ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވަނީ ރާއްޖޭގެ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ހަދިޔާކުރާ އުޅަނދުތައް އިތުރުވުމުން ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށާއި ކަނޑުގެ ގާނޫނުތައް ތަންފީޒު ކުރުމަށާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރިއެެރުންތައް ލިބޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
ޖަޕާން ސަރުކާރުން ގެންގުޅޭ ”ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް“ ސިޔާސަތުގެ ދަށުން އިންޑޯ-ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޖަޕާން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ހަލީލް ދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި ޖަޕާންއާ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިފަދަ މަޝްރޫއުތަކުން ރާއްޖޭގެ ތަރައްގީގައި ޖަޕާނުން އަދާކުރަމުން އަންނަ މުހިންމު ދައުރު ފާހަގަކޮށް، އެކަމަށް ހަލީލް ޝުކުރު އަދާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ފިނޭންސް މިނިސްޓްރީ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެކުރިން ވެސް ޖަޕާނުން ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އުޅަނދެއް ހަދިޔާކޮށްފަ އެވެ. އަދި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ވެސް ޖަޕާނުން ކުރިން ވެހިކަލްތަކެއް ހަދިޔާކުރި އެވެ.