ނިދާ ހޭލާއިރު ފޭރާމްގައި ތެތްކަމެއް ހުރުން!
ދެންމެ | 12 މެއި 2025

ނިދާ ހޭލާއިރު ހެދުމުގައި ތެތްކަމެއް ހުއްޓައި ފެނުމުން ޢަމަލުކުރާނެ ގޮތް އޮޅުން ފިލުވަން ގިނަބައަކު ސުވާލުކުރެއެވެ. މިފަދަ ކަންކަމަށް މީހުން ދޭ ސަމާލުކަން ކުޑަވުމުން އެކަމުގެ ޙުކުމް ގިނަ ބައަކަށް އޮންނަނީ ވަރަށް ބޮޑަށް އޮޅިފައެވެ.

ނަމަވެސް މިފަދަ ކަންކަމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގެން ޖެހޭނެ ކަންކަމެވެ. އެހެނީ ހިނަގައިގަންނަން ޖެހޭ ޙާލަތެއް މެދުވެރިވެ ހިނައި ނުގަނެވޭނަމަ އޭނާކުރާ ނަމާދު ޞައްޙަނުވާނެތީއެވެ!

މީހަކު ނިދާ ހޭލިއިރު އޭނާގެ ހެދުމުގައި ތެތްކަމެއް ފެނުމުން ހިނައިގަތުން ވާޖިބުވާނެ ހެއްޔެވެ؟

ނިދާ ހޭލިއިރު ތެތްކަމެއް ފެންނަ މީހުން ވާހުށީ ތިން ޙާލަތެއްގެއެވެ.

ފުރަތަމަ ޙާލަތަކީ: އޭނާއަށް އެފެނުނު ތެތްކަމަކީ މަނިކަމަށް ޔަޤީންވުމެވެ. އެހެންވެއްޖެނަމަ ހިނައިގަތުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ. އެއީ އިޙްތިލާމުވިކަން [1] ހަނދާން ނުވިޔަސްމެއެވެ.

ދެވަނަ ޙާލަތަކީ: އޭނާއަށް އެފެނުން ތެތްކަމަކީ މަނި ނޫންކަމަށް ޔަޤީންވުމެވެ. އެޙާލަތުގައި ހިނައިގަތުން ވާޖިބެއް ނުވާނެއެވެ. ނަމަވެސް އޭނާގެ މައްޗަށް ވާޖިބުވަނީ އެޖެހިފައިވާ ތަނެއް ދޮވުމެވެ.

ތިންވަނަ ޙާލަތަކީ: އެފެނަކީ މަނި ތޯ ނުވަތަ ނޫންތޯ ޔަޤީން ނުވުމެވެ. ފަހެ މިޙާލަތުގައި ތަފްޞީލުވެއެވެ.

 

އެއީ:

ފުރަތަމައީ: އޭނާއަށް ހުވަފެނެއްފެނި އިޙްތިލާމުވިކަން ހަނދާންވެއްޖެނަމަ އެ ފެނުނު ފެނަކީ މަނިކަމަށް ދެކި ފެންވެރުމެވެ.

އެހެނީ އުންމު ސަލަމާ رضي الله عنها ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައިވަނީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އެކަމަނާ ސުވާލުދެންނެވިއެވެ. ފިރިހެނުންނަށްވެސް ހުވަފެނުގައި އެފެންނަފަދަ ކަމެއް އަންހެނަކަށް ހުވަފެނުން ފެނިއްޖެނަމަ (އެބަހީ: އިޙްތިލާމުވެއްޖެނަމަ) ހިނައިގަންނަން ޖެހޭނެ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “އާދޭހެވެ. އެކަނބަލަކަށް ތެތްކަމެއް ފެނިއްޖެނަމައެވެ.” [رواه مسلم“

މިޙަދީޘުން ދަލީލުކޮށްދެނީ އިޙްތިލާމުވެ ތެތްކަމެއް ފެނިއްޖެ މީހަކު ފެން ވެރުން ވާޖިބުވާނެކަމެވެ.

ދެވަނައީ: ހުވަފެނުގައި އެފަދަ ކަމެއް ފެނިފައި ނުވާނަމަ ނަމަވެސް ނިދުމުގެ ކުރިން އެފަދަ ކަމަކާމެދު ފިކުރުކޮށްފައިވާނަމަ ބަލާނީ އެއީ މަޛިއްޔުކަމުގައެވެ.

ނަމަވެސް ނިދުމުގެ ކުރިން އެފަދަ ކަމަކާމެދު ވިސްނާފައިނުވާނަމަ، މިކަމުގައި ޚިލާފެއްވެއެވެ.

– އެއްގޮތަކީ ރައްކާތެރިކަމުގެ ގޮތުން ފެންވެރުމެވެ.

– ދެވަނަ ގޮތަކީ ފެންވެރުން ވާޖިބުވެގެން ނުވުމެވެ. – ރަނގަޅު ގޮތަކީ މިއީއެވެ. – އެހެނީ އަޞްލަކީ އޭނާ ޛިންމާއިން ބަރީއަވެގެންވުމެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!