ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން މިދިޔަ އަހަރު 2.78 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ 6ވަނަ އަހަރީ އާންމު ޖަލްސާގައިވަނީ އެ ކޯޕަރޭޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. މިތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔައަހަރު ނިމުނުއިރު އެ ކޯޕަރޭޝަނުން 2.78 ބިލިޔަން ރުފިޔާގެ ލޯނުވަނީ ދޫކޮށްފައެވެ.
މީގެތެރޭގައި ހިމެނެނީ ކެޕިޓަލް ލޯނު ޕޯޓްފޯލިއޯއިން ދޫކޮށްފައިވާ 1.736 ބިލިޔަން ރުފިޔާއާއި، ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން އެސްޑީއެފްސީން ކުރިއަށްގެންދާ އެޑްމިނިސްޓަރޑް ލޯނު ޕޯޓްފޯލިއޯއިން ދޫކޮށްފައިވާ 1.045 ބިލިޔަން ރުފިޔާއެވެ.
ވޭތުވެދިޔަ 5 އަހަރު ކެޕިޓަލް ލޯނު ޕޯޓްފޯލިއޯއިން ލޯނު ދޫކުރި ދާއިރާތައް:
ފަތުރުވެރިކަން – 521 މިލިޔަން ރުފިޔާ
ކޮމާރސް – 509.9 މިލިޔަން ރުފިޔާ
މަސްވެރިކަން – 303 މިލިޔަން ރުފިޔާ
ދަތުރުފަތުރު – 208.9 މިލިޔަން ރުފިޔާ
އުފެއްދުންތެރިކަން – 107.7 މިލިޔަން ރުފިޔާ
އިމާރާތްކުރުން – 61.5 މިލިޔަން ރުފިޔާ
އިންފޮމޭޝަން ޓެކްނޮލޮޖީ – 13 މިލިޔަން ރުފިޔާ
ދަނޑުވެރިކަން – 11.2 މިލިޔަން ރުފިޔާ
ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން އެސްޑީއެފްސީގެ އެޑްމިނިސްޓްރޭޓިވް ލޯނު ޕޯޓްފޯލިއޯއިން ލޯނު ދޫކޮށްފައިވާ ސިނާއަތްތަކަށް ބަލާއިރު، އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ މަސްވެރިކަމުގެ ސިނާއަތަށެވެ. އެއީ 647 މިލިޔަން ރުފިޔާއެވެ.
ދެވަނައަށް އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ކޮމާރސް ދާއިރާގައި މަސައްކަތްކުރަމުންދާ ވިޔަފާރިތަކަށެވެ. އެއީ މުޅި ޖުމްލަ 230 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން އުފެއްދުންތެރިކަމާއި ފަތުރުވެރިކަމާއި ބެހޭ ދާއިރާއަށްވެސްވަނީ ލޯނު ދޫކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި 180 ރަށަކަށް އެސްޑީއެފްސީގެ ޕޯޓްފޯލިއޯ ވަނީ ފުޅާކުރެވިފައެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު އެޑްމިނިސްޓާރޑް ކޮށްފައިވާ ލޯނު ހިމެނޭހެން ޖުމްލަ ޕޯޓްފޯލިއޯގެ 44 އިންސައްތައަކީ އަތޮޅުތެރެއަށް ދޫކޮށްފައިވާ ލޯނެވެ. އެއީ 1.13 ބިލިޔަން ރުފިޔާއެވެ.
އެސްޑީއެފްސީއަކީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަދި ވިޔަފާރިތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2019ވަނަ އަހަރު ޤާއިމްކުރި މާލީ އިދާރާއެކެވެ.
އެސްޑީއެފްސީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން ރާއްޖޭގައި ހިންގާ މިފަދަ ހަމައެކަނި މާލީ އިދާރާއެވެ.