މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފުއްދުމަށް ވަރަށް ސަމާލުކަން ދެއްވާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އެގޮތުން މުލީގައި ހިންގެވުމަށް ވައުދުވެވެވަޑައިގެންނެވި މަޝްރޫއަތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މުލީ އެއާޕޯޓް ހުޅުވުމުން، މުޅި އަތޮޅަށް ވެސް ފަސޭހަތައް ލިބޭނެކަމަށާއި ވަރަށް ގިނަ ކަންތައްތަކަށް މަގުފަހިވާނެކަމަށެވެ. އަދި މިއީ ފެށުން ކަމަށާއި ރަށުގައި އަދި ކުރިއަށް ގެންދަން ހުރި މަޝްރޫއުތައް ގިނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވެފައި ހުރި ވައުދުތައް ހަނދާން އެބަހުރި މި ރަށުގެ ފަތުރުވެރިކަމަށް ވައުދުވިން ދެ ރަށެއް ހިއްކުން ނުވަތަ ފަޅުތަކެއް ހޯދައިދޭން، އެކަމަށް އެންމެ މުހިންމީ އެއާޕޯޓެއް ހުޅުވިގެން ދިޔުން އެކަން މިވަނީ ހާސިލްވެފައި، ޓޫރިޒަމް މިނިސްޓްރީން ދެން ހުރި މަރުހަލާގެ ކަންކަން ކުރިއަށްގެންދާނެ، – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ 2026 ވަނަ އަހަރު މުލީގެ މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން ފަށާނެ ކަމަށާއި ހޮސްޕިޓަލްގެ އައު އިމާރާތް އަމަލީ ގޮތުން ފެށުމުގެ މަރުހަލާތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ދާއިރާ އިން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގައި ވެސް 300 ހައުސިން ޔުނިޓް އެޅުމަށް މިހާރު އިއުލާންކޮށްފައި ވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ނާލާފުއްޓާއި މުލި، ކޯޒްވޭއަކުން ގުޅުވާލުމުގެ މަސައްކަތް މި ދަތުރުގައި އަމަލީގޮތުން ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ކޯޒްވޭ ގުޅުވާލުމަކީ އިގްތިސާދީ ނަފާ އޭގެން ލިބޭ ކަމެއް ކަމަށާއި އެމަޝްރޫއުގެ އީއައިއޭވެސް ހަދާ ނިމިފައި އޮތްކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުން ގާތަށް އައިސްގެން ކަންކަން ބަލާ ވައުދުތައް ފުއްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން، – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ވަރަށް ރަނގަޅަށް ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން ހުއްޓިފަހުރި މަޝްރޫއުތަކުގެ ތެރެއިން 390 މަޝްރޫއެއް އަލުން ފެށުމަށް ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި އާ 300 އެއްހާ މަޝްރޫޢު ފެށުމަށް ވެސް ހުރިހާކަމެއް ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.