ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުންނާއި ހިމެނިވަޑައިގަންނަވާ ގޮތަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. އެހެންވެ، އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.
އެ މުއްދަތު މިއަދު މެންދުރު 12 އަށް ހަމަވިއިރު، ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހައި ކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލާއި އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ހިމެނިވަޑައިގަންނަވަ އެވެ. އަދި ކުރީގެ ފަނޑިޔާރުންގެ ތެރެއިން ހަ ބޭފުޅަކު ވެސް ކުރިމަތިލައްވާފައިވެ އެވެ.
އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރު ރައީސް އަބްދުލްޣަނީ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމްގެ އިތުރުން ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ކުރިމަތިލެއްވި އެވެ.
މީގެ އިތުރުން ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދުގެ އިތުރުން ގާނޫނީ ވަކީލް އަދި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި އިތުރު ގ. އަންމޯލް އިބްރާހިމް އަލީ އަދި ގއ. ކޮނޑޭ ދާރުއްސަލާމް މުހައްމަދު އިބްރާހިމް ވެސް ވަނީ އެ މަގާމަށް ކުރިމަތިލައްވައިފަ އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން ރައީސް ނަން ފޮނުއްވުމުން މަޖިލީހުންނެވެ.