ޖަރީމާތައް ހުއްޓުވަން ކަސްޓަމްސްގެ ގާބިލްކަން އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ބާއްވަމުން ގެންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ ކަސްޓަމްސްގެ ޒިންމާތައް އަދާކުރުމުގެ ދާއިރާ އޮތީ ހިޔާލަށް ވެސް ނުގެނެވޭފަދަ ފުޅާމިނެއްގައި ކަމަށެވެ. ރާއްޖެ އަށް އަންނަ އަދި ރާއްޖެ އިން ފުރާ މީހުންނާއި އުޅަނދުތައް ފާސްކުރުމާއި އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވެސް ކަސްޓަމްސްގެ ޒިންމާއެއްކަން ހަނދާން ކޮށްދެއްވާ ރައީސް ވިދާޅުވޯ އިމްޕޯޓާއި އެކްސްޕޯޓްގެ ހުރިހާ ކަމެއް ބެލެހެއްޓުން ވެސް އޮތީ ކަސްޓަމްގެ ޒިންމާގެ ތެރޭގައި ކަމަށެވެ.
”ކަސްޓަމްސް އިން އުފަލަން ޖެހޭ ވަރަށް ގިނަ މަސްއޫލިއްޔަތުތައް އެބަހުރި. ކަސްޓަމްސް އަކީ ބޯޑަރުތަކުގެ ފާރަވެރިޔާ. ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެ އިން ބޭރުކުރާ ކޮންމެ އެއްޗެއްގެ ގާނޫނީ ސައްހަކަން ކަށަވަރު ކުރުމުގެ ޒިންމާ އަދާކުރަނީ ކަސްޓަމްސް އިން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަސްޓަމްސް އަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ. މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމާއި ރާއްޖޭގައި މަސްތުވާތަކެތި ޓްރާންސިޓްކޮށް އެހެން ގައުމުތަކަށް އެތަކެތި ފޮނުވަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.