އެމެރިކާ ނޯށުން ރޮވޭވަރުގެ ބަދަލެއް ހިފާނަން: އީރާން
ދެންމެ | 22 ޖޫން 2025

އެމެރިކާއިން ދިން ހަމަލާގެ ހިތި ނަތީޖާ އެ ގައުމުން މުޅި އުމުރަށްވެސް ދެކޭނެ ކަމަށް ބުނެ، މި ހަނގުރާމައިގެ ތެރެއަށް ވަދެ އިތުރު ހަމަލާތައް އީރާނަށް ނުދިނުމަށް އީރާނުން އެމެރިކާއަށް އިންޒާރުދީފި އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގަޗީ ސޯޝަލް މީޑިއާ ޕޯސްޓެއް މެދުވެރިކުރައްވައި ވިދާޅުވީ އެ ގައުމުގެ ރައްޔިތުންނާއި، ގައުމުގެ ރައްކާތެރިކަން އަދި އަމިއްލަ މަސްލަހަތު ރައްކާތެރިކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ކަމަށެވެ.

އެމެރިކާއިން އީރާނުގެ އަސްކަރީ ތިން މަރުކަޒަކަށް ދިން ހަމަލާއަކީ ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފަށް ދިން ހަމަލާއެއް ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާއަކީ އދ ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރެއް ކަމަށާއި އެ ހަމަލާއެކު އެ ހިލާފުވީ ޔޫއެން ޗާޓާ އަދި އިންޓަނޭޝަނަލް ލޯ އާ ކަމަށެވެ.

”މިއަދު ހެނދުނު ދިން އެ ހަމަލާއަކީ ބަލައިގަނެވޭނެ ފަދަ އަމަލެއް ނޫން، އޭގެ ހިތި ނަތީޖާ އުމުރަށްވެސް ދެކޭނެ، އެމެރިކާއިން މި ހިންގި ކްރިމިނަލް އަދި ގާނޫނާ ހިލާފު އަމަލަކީ އދ ގެ ކޮންމެ މެންބަރަކުވެސް ސަމާލުކަން ހުއްޓާލަން ޖެހޭ ފަދަ ނުރައްކާތެރި އަމަލެއް“ އައްބާސް ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މިއީ އީރާނުން ސުލްހައިގެ އެއްބަސްވުން ހަދަން ވީ ވަގުތުކަމަށް ވިދާޅުވެފަ އެވެ. އަދި އެއްބަސްވުމަށް ދެކޮޅު ހަދައިފިނަމަ ނުރައްކާތެރި އެތައް ހަމަލާތަކެއް ތެހެރާނަށް ދޭނެ ކަމުގެ އިންޒާރުވަނީ ދެއްވައިފައެވެ.

އެމެރިކާއިން ދިން ހަމަލާއާއެކު މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު މިހާރުވަނީ އުފެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!