އައްޑޫގެ ބިން ހިއްކުމަށް ބޭނުންވާ ބައެއް ސާމާނު އެ ސިޓީއަށް ގެންގޮސްފިއެވެ.
އައްޑޫގެ ބިން ހިއްކުމަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބޮޑު މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާއެެވެ. އެ ކުންފުނިން މިހާރު ވަނީ މަސައްކަތަށް ބޭނުންވާ ސާމާނު ވެސް އަައްޑުއަށް ގެންގޮސްފައެވެ.
އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެކަމަށް ބޭނުން ވެލި ނަގާނެ ތަނަކާ ގުޅޭ ސާވޭއެއް ވެން އޫޑް ކުންފުނިން ވަނީ ހަދާ ނިންމާފައެވެ.
އައްޑޫ ބިން ހިއްކަން ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް މިކަމާ ގުޅޭ ގޮތުން ވޯޓަ ސޮލިއުޝަނުން ހެދި އީއަައިއޭ ރިޕޯޓަށް އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހުއްދަ ދީފައެެއް ނުވެއެވެ.
ނެދަލެންޑްސްގެ ވެން އޫޑް ކުންފުނިން މީގެ ކުރިން ބުނެފައިވަނީ އައްޑޫ ބިން ހިއްކާނީ ފަރުތަކާއި ކަނޑުފަޅުގެ އެއްވެސް ދިރުމަކަށް ގެއްލުން ނުވާނެ ގޮތަށް ވަރަށް ބޮޑަށް ބަަލައިގެން ކަމަށެވެ. މި މަޝްރޫއަކީ ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަކަށްވާތީ މަސައްކަތް ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި، ކަމުގެ ތަޖުރިބާކާރުންގެ ލަފައާއި މަޝްވަރާގެ މަތިން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެގޮތުން ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މަރަދޫ/ މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.