އުސޫލުން ބޭރުން ކަންކަން ނިންމުމުން މުޖްތަމައުގެ މަސްލަހަތު ގެއްލިގެންދާނެކަމަށް އެސްޓީއޯ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ ޔޯގާގެ ހުކުމާމެދު ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިން ވާހަކަދައްކަވަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ބައެއް އިލްމުވެރިން އެއީ ހުއްދަކަމެއްކަމަށް ބުނާއިރު އަނެއް ބަޔަކު ބުނަނީ އެއީ ހަރާމްކަމެއްކަމަށެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ދީނުގައި ނެތް ކަންކަން ދީނުގެ ތެރެއަށް ވެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި ދީނުގައި ހަރާމްނުވާ ކަންކަން ހަރާމްކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ 2 މީހަކު އެއްވެލާފައި ކަމެއް ހަރާމް ނުވަތަ ހަލާލް ކުރުމަކީ ދީނުގައި އެކަން އޮންނަގޮތެއް ނޫންކަމަށެވެ. އަދި ދީނުގެ ކަންކަން ނިންމުމަށް ވަކި އުސޫލެއް އޮންނަކަމަށާއި، އެ އުސޫލަކީ ގުރުއާނާއި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖްމާއުކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އަމިއްލަ ނަފްސުގެ ރަައުޔުގެ މައްޗަށް ބިނާކޮށް އުސޫލުން ބޭރުން ކަންކަން ނިންމުމުން މަުޖުތަމައުގެ މަސްލަހަތު ގެއްލިގެންދާނެކަމަށެވެ.
ރާއްޖޭގައި ޔޯގާއާ މެދު ދީނީގޮތުން ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ރާއްޖޭގެ ފަތުވާ މަޖިލީހުން ފަތުވާއެއް ނެރުންކަމަށް ބައެއް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.
ޔޯގާގެ މައްސަލަ ރާއްޖޭގައި މިހާ ބޮޑުވެގެން މި އުޅެނީ އިންޓަރނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަމަހުގެ 21 ވަނަ ދުވަހު ރާއްޖޭގައި ޔޯގާ ހަރަކާތެއް ބޭއްވުމާއި ގުޅިގެނެވެ. އެ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވާއިރު، އެމައްސަލައިގައި ގިނަ ބަޔަކު ވަނީ ހައްޔަރުވެސްކޮށްފައެވެ.