ނަތީޖާ ނެރެދިނުން ނޫން ޝައުގުވެރިކަމެއް ނެތް، ހުރިހާ ވައުދެއް ފުއްދާނަން: ރައީސް
ދެންމެ | 20 އޯގަސްޓް 2025

ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުރިހަމަ ކުރުމަކީ އެމަނިކުފާނުގެ ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމަށާއި ރައްޔިތުންނަށް ނަތީޖާ ނެރެދިނުން ނޫން ޝައުގުވެރިކަމެއް ނެތް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އއ. އަތޮޅުގެ ހުރިހާ ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި އެންމެ ވައުދެއް ވެސް ދޫކޮށް ނުލައި ހުރިހާ ވައުދެއް ފުއްދަވައި ދެއްވާނެ ކަމަށެވެ.

”އެއީ އަޅުގަނޑުގެ ޒިންމާއެއް. އަދި އަޅުގަނޑުގެ މަސްއޫލިއްޔަތެއް. އަޅުގަނޑުވާ ކޮންމެ ވައުދަކީ އަމާނާތެއް. ރައްޔިތުންނަށްޓަކައި އަޅުގަނޑު މި ދަންނަވާ ކޮންމެ ކަމަކީ އަޅުގަނޑު ކުރަން ޖެހޭނެ ކަމެއް ގޮތުގައި އަޅުގަނޑު ގަބޫލު ކުރަން. އެގޮތުން އަޅުގަނޑު ވައުދުވަނީ ވެސް. ރިޔާސީ އިންތިހާބުގައި އަދި ފަހުން ވެސް،“ ރައީސް ވިދާޅުވިއެވެ.

”ހުރިހާ ރަށެއްގައި ވެސް އަޅުގަނޑު ވައުދު ވަނީ އެ ބޭނުމުގައި، އެ ނިޔަތުގައި، އެ އަޒުމުގައި. އެ ގޮތަށް މުޅި ސަރުކާރު މަސައްކަތް ކުރަމުން މިދަނީ. ހުރިހާ ވުޒާރާތައް، ހުރިހާ ކުންފުނިތައް ހުރިހާ ފަރާތްތައް، ރަށްރަށުގައި މަސައްކަތްކުރާ ފަރާތްތައް ވެސް އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން ވެސް ހުރިހާ ފަރާތްތައް ގުޅިގެން މި ކުރަނީ ވައުދު ފުއްދުމުގެ މަސައްކަތް،“

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މަސައްކަތްތައް ފެށިފައިވާ އިރު، ބައެއް މަޝްރޫއުތައް ނިމެމުންދާ ކަމަށެވެ.

”ހަމަ ވައުދު ލިސްޓު ނަގައިގެން ވައުދު ފުއްދުމުގެ މަސައްކަތް މި ކުރަނީ. އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް އިރާދަކުރެއްވީތީ އެއްވެސް ޝައްކެެއް ނެތި އަޅުގަނޑު ވީ ހުރިހާ ވައުދެއް މި ދައުރުގެ ތެރޭގައި ފުއްދައި ނިންމާނަން،“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

”އެއީ އަޅުގަނޑުމެންގެ ޑްރައިވްއަކީ. އަޅުގަނޑު ވީ ކޮންމެ ވައުދެއްވީ ވަރަށް ސީރިއަސްކަމާއެކު. އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް، މި ސަރުކާރުން މަސައްކަތް ކުރާނީ ވަރަށް ސީރިއަސްކޮށޭ. ވަރަށް އިހްލާސްތެރިކަމާ އެކީގައި ހެޔޮ ނިޔަތުގައޭ،“

 

ރައީސް ރޭގައި ވެސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން ފިޔަވައި އިތުރު ކަމެއް ސަރުކާރުގައި ކުރަން ނޯންނާނެ ކަމަށެވެ. އަދި ނަތީޖާ ނެރެ ދިނުން ނޫން އެއްވެސް ކަމެއް ކުރައްވަން ޝައުގުވެރިކަން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އެހެންވީމަ ރައްޔިތުންނާ މިހާ ގާތަށް އައިސް، ރައްޔިތުންގެ ކަންކަން އަޑު އަހައިގެން ސީދާ އެކަންކަން އެގޮތަށް ކޮށްދެވޭތޯ ބަލަނީ. އަޅުގަނޑުމެން މިގޮތަށް ރައްޔިތުންގެ ގާތަށް އައީމަ ވަރަށް ތަފާތު. ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ބޭނުންވާ ގޮތަށް ކޮށްދެވޭނެކަމުގެ ޔަގީންކަން ވަރަށް ރަނގަޅަށް ލިބޭ. އަދި ކަންކަން އަވަސް ވެސް ވޭ،“ ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރަށްރަށުގައި ހުރި މުއައްސަސާތަކާ ވަކިވަކިން ބައްދަލުކޮށް 10 ނޫނީ 12 ބައްދަލުވުން ބޭއްވުމުގެ ބަދަލުގައި ރަށް ރަށަށް ޒިޔާރަތްކޮށް އެއް ބައްދަލުވުމަކުން ހުރިހާ ކަމެއް ހާސިލްވަމުންދާ ކަމަށެވެ. މީގެކުރިން ނަމަ، އެތައް ސިޓީއެއް ފޮނުވައި މުއައްސަސާތަކާއި ކައުންސިލްތައް މާލެ ގޮސް ބައްދަލުވުންތައް ބޭއްވީމަ، ކަންކަން ނުވެ، އެތައް ދުވަހެއް ހޭދަވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”އައީމަ، ވަރަށް ގިނަ ކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ހާސިލްވެ މިދަނީ. އެހެންވީމަ އެގޮތަށް މަސައްކަތް މި ކުރަނީ. ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ އަމާޒަށް ކަންކަން ހާސިލްކޮށް ދިނުމަށް، އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވެސް އެކަންތައްތައް ކުރިއަށް ގެންދާނަން.“ ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!