ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލުގެ ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޮލީ އާ ބައްދަލުކުރައްވާ، މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. ރައީސް މިއަދު ނޭޕާލުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވީ، ޗައިނާގައި ކުރިއަށް ދާ ”ޝަންގހާއި ކޮއޮޕަރޭޝަން އޯރގަނައިޒޭޝަން (އެސް.ސީ.އޯ.) ސަމިޓް“ ގެ ތެރެއިންނެވެ. މި ސަމިޓް ކުރިއަށް ގޮސްފައި ވަނީ ޓިއަންޖިން މެއިޖިއަންގ ކޮންވެންޝަން ސެންޓަރުގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނޭޕާލު ބޮޑުވަޒީރާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި، ދެބޭފުޅުން މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައިވެއެވެ. މިގޮތުން، ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ދެމިގެންދާ ގުޅުން ފާހަގަކުރައްވައި، އެކި ދާއިރާތަކުން ދެޤައުމު އެކީ ކުރެވިދާނެ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައިވެއެވެ. މިދާއިރާތަކުގެ ތެރޭގައި ތަޢުލީމީ ރޮނގާއި، އިޤުތިޞާދީ ކުރިއެރުން ހިމެނެއެވެ. ރައީސް ޑރ. މުޢިއްޒާއި ނޭޕާލުގެ ބޮޑުވަޒީރު ޝަރްމާ ގެ މަޝްވަރާގެ މަޤުޞަދަކީ ގުޅިގެން މަސައްކަތް ކުރުމަށް އިސްކަންދީ، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.
ބައްދަލުވުން ކުރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނޭޕާލުން ރާއްޖެއަށް ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ. ކުރިއަށް އޮތް މުސްތަޤުބަލުގައި ދެޤައުމަށް ފައިދާ ކުރަނިވި މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެ ބޭފުޅުން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.



