އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ އަލަމްގީރު ރާއްޖެ ގެނައީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އިން ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނީ އަލަމްގީރަކީ އާރުސީސީގެ ނަމުގައި ރަޖިސްޓްރީކޮށްގެން ރާއްޖެ ގެނެސްފައިވާ ބިދޭސީއެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ޙަގީގަތާ ޚިލާފު ވާހަކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ހޯމަ ދުވަހުގެ ރޭ އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނި ބަދުނާމުވާ ގޮތަށް ދޮގުވާހަކަ ފެތުރުން ބަލައިނުގަންނާނެ ކަމަށެވެ. އަދި އެފަދަ ޚަބަރު ފަތުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އާރުސީސީން ބުނެއެވެ.
އާރުސީސީއަކީ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ އާއިލީ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ކުންފުންޏަކަށްވުމުން، ލޭބަރު މަސައްކަތްތަކަށް އެ ކުންފުނިން ބިދޭސީން ރާއްޖެ ގެނެއެވެ.
އެމްޑީ އަލަމްގީރު ހައްޔަރުކޮށްފައިވަނީ ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާ އެކު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯތަކެއްގެ އާންމުވެފައި ވަނިކޮށެވެ. މި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވަމުންދާއިރު މިހާތަނަށް މި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި އަލަމްގީރު ހިމެނޭހެން 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ނަގައި އެ ބޭނުން ކޮށްގެން ބްލެކްމެއިލް ކުރި މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ.