”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން“ ރައީސް އުފައްދަވައިފި
ދެންމެ | 19 ސެޕްޓެމްބަރ 2025

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން“ ގެ ނަމުގައި ދައުލަތުގެ އޮފީހެއް އުފައްދަވައިފިއެވެ.

މި އޮފީސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވަނީ، ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

މިއީ މި މަހުގެ 18 ވަނަ ދުވަހު ތަސްދީގުކޮށްފައިވާ ގާނޫނެކެވެ.

މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި، ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) އުވުނީއެވެ. އަދި ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ ”މޯލްޑިވްސް މީޑިއާ ކައުންސިލު“ އާއި ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ”މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން“ ވެސް އުވުނީއެވެ.

ޤާނޫނުގައިވާ ގޮތުގެ މަތީން ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

މި ބިލު ތަސްދީގުކޮށް އަމަލުކުރުމުގެ މަރުހަލާގައި މިހާރު އޮތްއޮރި، ބިލާއި ދެކޮޅަށް ވަރަށް ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަން ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!