ރައީސް ސޯލިހްގެ މެޑިކަލް ހިސްޓްރީ ވަގަށް ނެނގި ކަމަށް ބުނެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ހައިބަރު ނަސީމް ފުލުހުންގެ ތަހްގީގަށް ހާޒިރުކޮށްފި އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިބް ރައީސް ކޮއްކޯފުޅު ފުލުހަށް ހާޒިރުކޮށްފައި ވަނީ އައިޖީއެމްއެޗް ވެބްސައިޓް ފަޅާލައިގެން ރައީސް ސޯލިހާއި އިތުރު ބައެއް މީހުން މެޑިކަލް ހިސްޓްރީ ވަގަށް ނެނގިކަމުގެ ތުހުމަތުގަ އެވެ.
ދިޔަރެސް ނޫހްގެ ނޫސްވެރިޔާ އަހްމަދު އަޒާން ވެސް ފުލުހަށް ހާޒިރުކޮށްފައި ވަނީ މިމައްސަލައިގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ހައިބަރު ނަސީމް ވަޒީފާ އަދާކުރަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާގެ ދަށުން ހިންގާ ފްލައިމީގައި އައިޓީ ޑިޕާރޓްމެންޓްގަ އެވެ.
މިމައްސަލާގައި ނައިބް ރައީސްގެ ކޮއްކޯފުޅުގެ ލޯޔަރަކަށް ހަމަޖައްސާފައި ވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިބަރު ނަސީމްގެ ގާނޫނީ ވަކީލަކަށް ވެވަޑައިގަތުމަށް މުހްތާޒަށް ހުށަޅުއްވާފައި ވަނީ ނައިބް ރައީސް ފައިސަލް ނަސީމެވެ.
ހައިބަރު ނަސީމަކީ ޔޫތު މިނިސްޓަރ މަހްލޫފްގެ އަނބިކަބަލުން އަދި ނައިބް ރައީސް ޗީފް އޮފް ސްޓަރފް ނަޒޫ ނަސީމްގެ ވެސް ކޮއްކޮ އެވެ.
މިކަމާއި ގުޅިގެން ފުލުހުން އަދި މުހްތާޒްގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.