ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވަނީ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޖާބިރަށް ކަން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕޮންޒީ ސްކީމެއް ހިންގި ކަމަށް ފުލުހުން ތަހްގީގް ހިންގަމުންދާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ޕޮންޒީ ސްކީމެއް ހިންގައިގެން ފުލުހުން ތަހްގީގް ހިންގަމުންދާ އަލްހާން ފަހުމީ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ޖާބިރަށް ތާއީދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ އޭނާއަކީ އެކަމަށް އެންމެ ގާބިލު ބޭފުޅަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ރިޔާސީ އިންތިހާބުގައި ޖާބިރަށް ތާއީދުކުރަން ނިންމީ އެއީ އެބޭފުޅާއަކީ އެނަޖެޓިކް ބޭފުޅެއް. އެއީ ތަސައްވަރެއް ގެންގުޅުއްވާ ބޭފުޅެއް“ ވަގުތު އޮންލައިން އަށް އަލްހާން ވިދާޅުވިއެވެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ޖާބިރު ގެންދަނީ ވަރަށް ޖޯޝާއެކު ކެމްޕޭން ކުރައްވަމުންނެވެ. އޭނާ ވާދަކުރައްވަނީ ޑީއާރްޕީގެ ރިޔާސީ ޓިކެޓުގައެވެ.
އަލްހާން ތާއީދުކުރެއްވުމާ ގުޅިގެން ޖާބިރު ވިދާޅުވީ އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށާއި އަލްހާން ކަހަލަ ބޭފުޅަކު އޭނާ އެންޑޯސް ކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި، އޭނާގެ ވެރިކަމެއްގައި އަލްހާން އަށް އެމްއެމްއޭގެ ގަވަރުނަރުކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ވެރިކަމެއްގައި އަލްހާނަށް ދެއްވާނަން ގަވަރުނަރުކަން. އެފަދަ ތަހުޒީބު ބޭފުޅުން އެބަ ބޭނުންވޭ މި ގައުމު އޮޕަރޭޓް ކުރަން“ އޭނާ ވިދާޅުވިއެވެ.
އަލްހާނަކީ ވަރަށް ގިނަ ބަޔަކަށް އޮޅުވާލައިގެން ޕޮންޒީ ސްކީމެއް ހިންގުމުގެ ސަބަބުން ފުލުހުން މިހާރުވެސް މަކަރާއި ހީލަތް ހެދުމުގެ ތަހްގީގް ހިންގާ ފަރާތެކެވެ.