ގައުމު ދަރަނިވެރިވުމަކީ މިއަދު މި ގައުމުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ތިން ވަނަ ޖަލްސާއަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވި ގައުމީ ސަލާމަތާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުންނެވެ.
ޝިޔާމް ވިދާޅުވީ، ކޮރަޕްޝަންގެ މޫތައް ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ބޭރުގައި ހުރި އެމްބަސީތަކަށްވެސް ފޯރާފައިވާކަމަށާ މި ސަރުކާރަށް ލިބޭ އާމްދަނީގެވެސް ބޭނުން ހެޔޮގޮތުގައި ނުކުރާކަމަށާއި އެކި އެކި ވުޒާރާތަކަށް އެކިއެކި މުއައްސަސާތަކަށް ބޮޑެތިހެން ހީވާކަހަލަ ނަންނަން ދީފައި މަގާމުތައް އުފައްދާފައިވާއިރު އެ މަގާމުތަކުގައި ތިބޭ މީހުންގެ މުސާރަ ހާމަކުރާކަށް ރައީސުލްޖުމުހުރިއްޔާއަކަށް ކެރިވަޑައެއް ނުގަންނަވާކަމަށެވެ.
”ކޮންމެވެސް މީހެއްގެ ފަހަރިއެއް ނުވަތަ ޅިޔަނެއް ނުވަތަ އާއިލީ ކޮޅު ބޭފުޅެއް ސަރުކާރުގައި ވަޒީރެއްގެ ނޫނިއްޔާ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ދަރިއެއް ނުވަތަ އާއިލާއެއްގެ މީސް މީހުން ވަޒީފާތަކަށް އަޅައިގެން ދިވެހި ރައްޔިތުންގެ ފައިސާ މި ހުސްކުރަނީ“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް އެންމެ ނުރައްކާކަމަކަށް މިއަދު ވެފައި އޮތީ ވަކި ގައުމެއްގެ ފައި ބުޑަށް ވެއްޓި ސަލާން ޖެހުންކަމަށެވެ. އެކަމަށް މަގުފަހި ކުރީ ގައުމުގެ ވެރިންގެ ގޮތުގައި ތިބި ޣައްދާރުންކަން ޝިޔާމް ފާހަގަކުރައްވާފައިވެއެވެ.