އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަހީމަށް ނިސްބަތްވާ ގޮތަށް ”ޓިނު އަދުރޭ“ ކަމަށް ބުނެ ކުރެއްވި ޓްވީޓަކީ މަޖާޒީ ޓްވީޓެއް ކަމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަޙްމަދު މުސްތަފާ އެ ޓްވީޓް ޑިލީޓްކޮށްލައިފި އެވެ.
ރާއްޖޭގެ ބައެއް މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން އިސްލާމިކް މިނިސްޓްރީން އެންގި ކަމަށް ބުނާ ހަބަރެއް ހިމަނުއްވާ، މުސްތަފާ އިއްޔެ ކުރެއްވި ޓްވީޓް ފައްޓަވަމުން ލިޔުއްވާފައިވަނީ ”މިފަހަރު މި އޮތީ އެ އުޅޭ ޓިނު އަދުރޭގެ ހިސާބާ ދިމާވެފައި!“ ކަމަށެވެ.
”ޓިނު އަދުރޭ“ މި ނަމަކީ ޢަބްދުއްރަހީމަށް މަލާމާތުގެ ގޮތުން ވާދަވެރި ފަރާތްތަކުން ކިޔައިއުޅޭ ނަމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީޕީއެމް ކޯލިޝަންގެ އިސް ބޭފުޅަކު، ހާއްސަކޮށް ރައީސް ޔާމީންގެ އަމިއްލަފުޅު ކަންކަމުގައި ވެސް ޒިންމާތަކެއް ނަންގަވައިގެން އުޅުއްވާ ބޭފުޅަކު އެފަދަ ޓްވީޓެއް ކުރެއްވުމުން، ކޯލިޝަންގެ ވަޓްސްއެޕް ގްރޫޕް ހޫނުވިއެވެ.
އެއާއި ގުޅިގެން އެ މައްސަލަ ފިނި ކުރެއްވުމަށް ކުއްލި ބައްދަލުވުންތަކެއް ބާއްވަވައިގެން ރައީސް ޔާމީން ވެސް މަސައްކަތް ކުރެއްވި ކަމަށްވެއެވެ.
މި މައްސަލަ ހޫނު ވެފައިވަނިކޮށް މުސްތަފާ މިހާރުވަނީ އެ ޓްވީޓް ޑިލީޓް ކޮށްލައްވާފައެވެ. އަދި އެއަށްފަހު މިއަދު ވިދާޅުވީ، އޭނާ އެ ޓްވީޓް ކުރެއްވީ މަޖާޒީ މޭރުމަކުން ކަމަށާ، އަދިވެސް ދިމާވަނީ އަދުރޭގެ ހިސާބުކަމަށެވެ.
”އަޅުގަނޑު ކުރީ ސާކާސްޓިކް ނުވަތަ މަޖާޒީ ޓުވީޓެއް! ޕާރޓިގަ ރެނދެންނުލާ! ޕާރޓީ އޮތީ ބަދަހިކޮށް! އަދިވެސް ދިމާވަނީ އަދުރޭގެ ހިސާބު! މިސްރާބު ހުރީ އެމަގަށް! ބަންގީގެ އަޑު ދަނީ ފަނޑުވަމުން!“ ރައީސް ޔާމިންގެ ވެރިކަމުގައި މުލީއާގޭގައި ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވި މުސްތަފާ ފަހުން ކުރެއްވި ޓްވީޓުގައި ވީގޮތް ވިދާޅުވެދެއްވަމުން ލިޔުއްވާފައިވެއެވެ.
”އަދުރޭގެ ހިސާބު“ ކަމަށް މީހުން ސިފަކުރަނީ އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި ހިސާބު އަދަދުތަކެއް ވިދާޅުވުމުގައި އޭނާއަށް ހެއްދެވުނު ގޯހަކަށް ނިސްބަތްކޮށެވެ. ނަމަވެސް، މީގެ ކުރިން ޕީޕީއެމް ކޯލިޝަންގެ އިސް ބޭފުޅަކު، އާންމު މެސެޖެއްގައި އަބްދުއްރަހީމާ ދިމާއަށް އެ މޭރުމުން ވިދާޅުވެފައެއް ނުވެއެވެ.