އަދާލަތުގެ ރައީސްކަމަށް ވާދަކުރައްވާ އިކްރާމް އިންތިހާބު ބޮއިކޮޓްކޮށްފި
ދެންމެ | 20 ޖެނުއަރީ 2026

އަދާލަތު ޕާޓީއަށް ރައީސަކު ހޮވަން ބާއްވަން ނިންމާފައިވާ އިންތިހާބު ބޮއިކޮޓްކުރުމަށް އެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއް ކަމަށްވާ ޑރ. އިކްރާމް އަބްދުއްސައްތާރު ނިންމަވައިފި އެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންތަކެއް އިިސްވެ އުފައްދާފައިވާ އަދާލަތު ޕާޓީގެ ރައީސްގެ އިންތިހާބު އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި އަދާލަތުގެ ރައީސްކަމަށް ވާދަކުރައްވަނީ ޑރ. އިކްރާމް އަބްދުއްސައްތާރު އިތުރުން އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާން އެވެ.

އެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް މެދުވެރިކޮށެވެ.

އަދާލަތު ޕާޓީގެ މިހާރުގެ ލީޑަޝިިޕުން މަކަރު ހަދާނެ ކަމަށް ތުހުމަތުކޮށް، އީ-ވޯޓިން ހުއްޓުވައި ދިނުމަށް އެދިވަޑައިގެން ރައީސްކަމަށް ކުރިމަތިލެއްވި ޑރ. އިކްރާމް ވަނީ ޕާޓީގެ އިތުރުން މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) ހުށައަޅާފައެވެ.

އެ ކަމާއި ގުޅިގެން އަދާލަތު ޕާޓީން އިކްރާމަށް ފޮނުވި ސިޓީއެއްގައި ބުނީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަނީ ޕާޓީގެ ދުސްތޫރާއި އިންތިހާބަށް ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޕާޓީގެ ގަވައިދު އޮތްގޮތުން ފޮށި ބަހައްޓައިގެން ވޯޓުލުން ކުރިއަށް ގެންދަން ޖާގަ ނުދޭ ކަމަށް ވެސް ސިޓީގައިވެއެވެ.

އެ މައްސަލާގައި އިކްރާމް ނެރުއްވި ބަޔާނެއްގައި ބުނީ އެ އިންތިހާބުގައި ބައިވެރި ނުވުމަށާއި އިންތިހާބު ބޮއިކޮޓްކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ތަކުރާރުކޮށް އެދުމުން ވެސް، ވޯޓުފޮށި ބަހައްޓައިގެން، ޕާޓީގެ އާއްމު މެންބަރުން ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ހައްގު ޕާޓީގެ މެމްބަރުންނަށް ނުދިން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!