ފްރާންސް ގެ ރައީސް އެމަނުއެލް މެކްރޮން އާއެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި އެއީ ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ އަތީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޣައްޒާ ގެ ސުލްހައިގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ”ބޯޑް އޮފް ޕީސް“ ގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އިއުތިރާޒު ކުރެއްވި ކަމަށް ރިޕޯޓްތައް ބުނުމާ ގުޅިގެން، ފްރާންސުން އެތެރެކުރާ ވައިން އާއި ޝެމްޕޭނުން %200 ގެ ޓެރިފް (އިމްޕޯޓް ޑިއުޓީ) އެއް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
މިއާމީގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޓްރަމްޕް ވަނީ މެކްރޮންގެ ނުފޫޒާ މެދު ސުވާލު އުފައްދަވައި، ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް ބޭނުންކުރައްވާނީ އޭނާ އަށް ފިއްތުންތައް ކުރިމަތިކުރުވާ ބާރެއްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.
”އޭނާ (މެކްރޮން) އާ އެކު މަސައްކަތްކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވޭ، ސަބަބަކީ ވަރަށް އަވަހަށް އޭނާގެ ރިޔާސީ ދައުރު ހަމަވާނެ،“ ޓްރަމްޕް ވިދާޅުވިއެވެ. ”އެހެންވީމާ އެއީ މައްސަލައެއް ނޫން. އެމީހުން އަހަރެމެންނާ ދެކޮޅުވެރިވާނަމަ، އަހަރެމެން އެ ގައުމުގެ ވައިން އާއި ޝެމްޕޭނުން 200% ގެ ޓެރިފް ނަގާނަން. އޭރުން އޭނާ ބޯޑުގައި ބައިވެރިވާނެ. އެކަމަކު އޭނާ ބައިވެރިވުން މަޖުބޫރެއް ނޫން.“
މެކްރޮންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ހަމަވާނީ 2027 ވަނަ އަހަރުގެ މެއި މަހުއެވެ. ފްރާންސްގެ ގާނޫނު ބުނާގޮތުން ތިންވަނަ ދައުރަކަށް އޭނާ އަށް ކުރިމައްޗެއް ނުލެއްވޭނެ އެވެ.
”ބޯޑް އޮފް ޕީސް“ އަކީ އިޒްރޭލާއި ހަމާސްއާ ދެމެދު ވެފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްގެން އުފައްދާފައިވާ ބައިނަލްއަގުވާމީ އިދާރާއެކެވެ. މި ބޯޑުގައި ބައިވެރިވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން، އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިމެނޭހެން ދުނިޔޭގެ އެކި ލީޑަރުންނަށް ވަނީ ދައުވަތު އަރުވާފަ އެވެ.



