ދެ ހާސް ބާރަ ވަނަ އަހަރު ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ވަހީދުގެ ގާތް މަގާމަށް އައްޔަން ކުރައްވާފައި ހުންނެވީ އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޓޯ ’ޕީ‘ އެވެ.
ރައީސް ވަހީދު ވެރިކަމުގައި ހުންނަވައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަ ކުރައްވާ ލިބިވަޑައިގެންނެވީ އެންމެ %5 ޕަސެންޓް ވޯޓެވެ.
ރައީސް ވަހީދުގެ ޒައާމަތުގައި އެމަނިކުފާނުގެ އެންމެ އަރިހްގައި މިއަދެކޭ އެއްގޮތަށް ހުންނެވީ ’ޕީ‘ އެކެވެ. އާދެ ޓޯ ޕީ އާއި އަލި ޕީ އެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރައްވާ ރައީސްކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ސޯލިހް ޗީފް އޮފް ސްޓާރފް ކަމަށް އައްޔަން ކުރެއްވީ ވަހީދު އެއްފަދަ ހަމައަކުން އަލި ’ޕީ‘ އެކެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާރފަކީ އެ އިރެއްގައި ހުންނަވާ ރައީސެއްގެ އަރިސް އިތުބާރު ހިއްޕެވޭ އަދި ސިޔާސީ ދުރުވިސްނޭ ބޭފުޅަކަށް ވުމަކީ ލާޒިމް ކަމެވެ. ނޫން ނަމަ 2013 ވަނަ އަހަރު ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު ޓޯ ’ޕީ‘ އާއިއެކު ލިބިވަޑައިގެންނެވި %5 ވޯޓަކީ ދިރި ހުރި މިސާލެކެވެ.
ރައީސް ވަހީދު ޕީޕީއެމް އާއި ގުޅިވަޑައިގެންނެވުމަށް އެއިރު އެންމެ ބޮޑަށްދެކޮޅު ހެއްދެވި ބޭފުޅަކީ ރައީސް ވަހީދުގެ އަރިސް ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު ޓޯ ޕީ އެވެ. އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި މިއަދު ރައީސް ސޯލިހް އެމްޑީޕީ އެއްކުރައްވާ ރައީސް ނަސީދުގެ ފެކްޝަނާއި ގުޅިވަޑައިގެންނެވުމަށް އެންމެ ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅަކީ ރައީސް ސޯލިހްގެ ގާތް މަގާމުގެ ގޮތުގައި ހުންނެވި ޗީފް އޮފް ސްޓާރފް އަލި ’ޕީ‘ އެވެ. ދެ ޕީ ވެސް ދައްކަވަނީ ހަމަ އެއް ހުއްޖަތެކެވެ. ރައީސް ފަހަތްޕުޅުގައި އޮންނެވި ފުޅާ ކޯލިޝަނެވެ.
ރައީސް ސޯލިހްގެ ގާތް މަގާމްގެ ގޮތުގައި މިއަދު ހުންނެވީ ކުޑަ ކުޑަ މަޖިލީހުގައި ގޮނޑި ގަނޑެއް ވެސް ނެތް އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އަލި ’ޕީ‘ އެވެ. ފުޅާ ކޯލިޝަން ހުވަފެނީ ކުލަ ދައްކުވަމުން ގެންދަވަނީ އަލި ’ޕީ‘ ގެ މަގާމްގެ ދަހިވެތި ކަމުގަ އެވެ.
ތެދެކެވެ. އަލި ’ޕީ‘ ހުވަފެނީ ދުނިޔެއިން ހޭފުޅު ނުލެއްވިގެން އުޅުއްވަނިކޮށް ރައީސް އޮފީހުގެ ތަރުޖަމާން އިސްތިއުފާ ދެއްވައިފި އެވެ. ރައީސް ސޯލިހް ގާތް އެކުވެރިޔާ މުހައްމަދު އާސިފް މޮންދު ޕީއެސްއެމުން އިސްތިއުފާ ދެއްވައި އެމްޑީއޭ ލީޑަރ އަދި ރިޔާސީ ކެޑިޑޭޓް ސިޔާމްގެ ސަން ޓީވީ އާއި ގުޅިވަޑައިގެންފި އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ރައީސް ވަހީދަށް ޖެހި ވަޑައިގެންނެވި ދަންތުރައަކީ ރިޔާސީ އިންތިހާބު ބޯމަތިވި އިރު ’ޕީ‘ ވިދާޅުވި ފުޅާ ކޯލިޝަން ހޯދައި ފެންނަން ވެސް ނެތުމެވެ. ރައީސް ސޯލިހަށް ވެސް މިހާރުގެ ’ޕީ‘ އާދެ އަލި ޕީ ދައްކަވަމުން ގެންދަވާ ފުޅާ ކޯލިޝަން ވަގުތު ޖެހޭ އިރު އޮންނާނީ ކޮންތާކު ތޯ އެވެ!