ސަސްޕެންޑުކޮށްފައިވަނީ މީދޫގެ މުދިމެއް ކަމަށްވާ މުހައްމަދު ރަޝީދުއެވެ.
މުހައްމަދު ރަޝީދު ވަނީ މިދިޔަ ހުކުރު ދުވަހު މީދޫ މަސްޖިދުއް މަޖްދުއްދީނުގައި ހުކުރު ހުޠުބާ ކީއިރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުއިން ފޮނުވި ހުޠުބާ އައްޑޫ ބަހަށް ބަދަލުކޮށްގެން ކިޔާފައެވެ. މިކަމާއި ގުޅިގެން އައްޑޫގައި އޮންނަ ހުޠުބާ ކޮމެޓީން ވަނީ މިއަދު މުހައްމަދު ރަޝީދުގެ ބަޔާނެއް ނެގުމަށް މަސައްކަތް ކޮށްފައެވެ.
މުޙައްމަދު ރަޝީދު މިއަދު އައްޑޫލައިވް އާއި ވާހަކަ ދައްކަވަމުން ބުނީ ހިތަދޫގައި އޮންނަ ހުޠުބާ ކޮމެޓީން ބަޔާނެއްގައި ސޮއި ކުރުމަށް އަންގާފައިވާ ކަމަށެވެ.
”މިއަދު އަޅުގަނޑު އޮފީހަށް ގެންގޮސް ބުނީ ހުޠުބާ ކޮމެޓީގެ ބަޔާނުގައި ސޮއި ކުރުމަށް، އޭގައި އޮތީ ހުޠުބާ އެހެން ބަހަކަށް ބަދަލުކޮށްގެން ކިޔާފައިވާ ކަމަށް، އަޅުގަނޑު ބުނިން ހުޠުބާ ކިޔާފައިވަނީ ދިވެހި ބަހުން ކަމަށް، އަހަރެމެން އެންމެން ވާހަކަ މިދައްކަނީ ދިވެހި ބަހުން ކަމަށް، އިތުރު ބަހަކުން ނޫންކަމަށް، ދެން މިހާރު މައްސަލަ ބަލާކަމަށް ބުނެ މިވަނީ ހުކުރު ކުރުމުން ސަސްޕެންޑުކޮށްފައި“
މުހައްމަދި ރަޝީދު ބުނީ ހުޠުބާގެ މައިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އެގޮތުން ޤުރުއާނާއި ހަދީސް އާއި އޭގެ މާނަ ކިޔާފައިވާނީ ހުޠުބާގައި އޮތް ގޮތަށްކަމަށެވެ. އަދި އެގޮތަށް އައްޑޫ ބަހަށް ބަދަލު ކުރީ ހުކުރަށް ދާ ބިދޭސީންވެސް ހުޠުބާގައި ކިޔާ އެއްޗެއް ސާފު ނުވާ ކަމަށް ބުނާތީ ކަމަށެވެ.
”މިސްކިތުގައި މިތިބީ އައްޑޫ މީހުން އަދި ދެންތިބީ ރަށުގައި އުޅޭ ބިދޭސީން، އެމީހުންނަށްވެސް އެނގެނީ އަހަރެމެން ވާހަކަދައްކާ ގޮތް އަދި ހުޠުބާ އަކީ މީހުންނަށްދޭ ނަސޭހަތެއް، އެ ނަސޭހަތް ގިނަ ބަޔަކަށް އެނގުން މުހިއްމީ“
އިސްލާމިކް މިނިސްޓްރީ އިން ބުނީ މީދޫ މިސްކިތެއްގެ މުދިމަކު ހުޠުބާ ކިޔުމުގެ އުސޫލާއި ހިލާފުވެފައިވާ މައްސަލައެއް ބަލަމުންދާތީ މުދިމު ހުކުރު ކުރުމުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.