ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ބައްލަވައިގަތުމަށް ފަހު ޑޮލަރަށް ވާ ސިވެހި ފައިސާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން، ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަސް ނެގުމަށް ފަހު މިއަދު ކުރިޔަށް ގެންދިޔައީ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމުގެ މަރުހަލާ އެވެ. ރައީސް ޔާމީންގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކި ބަސް ނެގުމަށް ފަހު މިއަދުގެ ޝަރީއަތް ވަނީ ނިންމާލާފަ އެވެ.
ނަަރީޝް ވިދާޅުވީ، ރައީސް ޔާމީން އޭނާއާއި ވަރަށް ގިނަކަންކަން ހިއްސާ ކުރައްވާކަމަށާއި އެއީ އެމަނިކުފާނު ކުރައްވާ އިތުބާރު ކަމަށެވެ. އަދި ދެބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމެއްގެ ސަބަބުން، ފައިސާގެ މުއާމަލާތެއްގެ ޒިންމާއެއް ހަވާލު ކުރި ސަބަބު ތަފްސީލު ކުރަން އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށްކަމަށް އޭނާ ވިދާޅުވި އެވެ. ނަރީޝް ވިދާޅުވީ މައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމް ވެސް ދަންނަ ކަމަށެވެ. އެގޮތުން މައްސަލައިގައި ގުޅުން ހުރި ވާހަކަތައް ޝަރީއަތާއި ހިއްސާކޮށް ވިދާޅުވީ ރައީސް ޔާމީން ފޯނުން ގުޅުއްވައި ކަމަކަށް އެދުމުން ގ. ދޫވެއްސަށް ދިޔަ ކަމަށެެވެ. އޭގެ ވަގުތުތަކެެއް ފަހުން އޭނާ ދޫވެއްސަށް ދިއުމުން ޔުސުފް ނައީމްގެ އަތުން ޑޮލަރުގެ މުއާމަލާތެއް ހިންގާފައިވާތީ އެކަމަށް ވާ ދިވެހި ފައިސާ އޭނާއާއި ހަވާލު ކުރުމަށް އެދުނުކަމަށް ނަރީޝްގެ ހެކި ބަހުގައި ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވި ގޮތުގައި އެއީ 01 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ އެވެ. ނަރީޝް ވިދާޅުވީ ފައިސާ ހަވާލު ކުރުމަށް ފަހު، އެކަމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލިޔެކިއުމެއްގައި ސޮއެކޮށް ދެން ދިޔައީ ޔޫސުފް ނައީމް ދިރިއުޅެމުން ދިޔަ ގެއަށް ކަމަށެވެ. އަދި އެ ދުވަހު އޭނާއާއި ފައިސާ ހަވާލު ކުރިކަމަށް ނަރީޝް ވިދާޅުވި އެވެ. ނަރީޝް ވިދާޅުވީ އެއީ 500 ރުފިޔާގެ ބަންޑަލްތަކެއް ކަމަށެވެ. އަދި ފައިސާ އެ ގެއަށް ގެންދިއުމުގެ ކުރިން އެ ފައިސާ ގުނާފައިވާނެކަމަށާއި އެ އަށް ފަހު އެ ފައިސާ އެއީ ދެ ދަބަހަކަށް ކަމަށް ވިދާޅުވި އެވެ.