އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތައް ވަރަށް އަވަހަށް ނިންމާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ފްލޮރިޑާގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުން ވަނީ ހަމަލާތަކުގައި ހާސިލްކުރަން ބޭނުންވި ވަރަށް ގިނަ ކަންކަން ހާސިލްކޮށްފައި ކަމަށެވެ. އެކަމަކު ވިދާޅުވީ އަދި ”އެއްކޮށް ކާމިޔާބު ނުކުރެވޭ“ ކަމަށެވެ. ނަމަވެސް އޭގެ ކުރިން ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ”ހަނގުރާމައިގެ ބޮޑު ބައި ނިންމިއްޖެ“ ކަމަށެވެ.
”އެކަން [ހަނގުރާމަ] ވަރަށް އަވަހަށް ނިމެނޭ. އަދި [އީރާނުން ފަށައިފި ނަމަ] އަހަރެމެން އަނެއްކާ ކުރިއަށްވުރެ ވަރުގަދައަށް ހަމަލާ ދޭނަން،“ ޓްރަމްޕު ވިދާޅުވި އެވެ.
ވަރަށް އަވަހަށް ހަނގުރާމަ ނިމޭނެ ކަމަށް ޓްރަމްޕު ވިދާޅުވި ނަމަވެސް ވަކި ތާރީހެއް ނުދެއްވަ އެވެ.
ޕްރެސް ކޮންފަރެންސްގައި ޓްރަމްޕު ވިދާޅުވީ ތެލުގެ ވިޔަފާރީގައި ބައެއް ގައުމުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވެސް މި ހަނގުރާމައާ ގުޅިގެން ލުއިތަކެއް ދޭނެ ކަމަށެވެ. އަދި އީރާނުން ހޮރްޒުމް ކަނޑޯޅި ބަންދުކޮށް ތެލުގެ ސަޕްލައިއަށް ދަތިކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕު މިހެން ވިދާޅުވެފައި ވާއިރު ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ވަނީ ތެލުގެ ސަޕްލައިއަށް އައިސްފައިވާ ދަތިކަމުގައި ޔޫރަޕަށް ސަޕްލައިކޮށްދޭން ތައްޔާރު ކަމަށާއި އެކަމަކު އެއީ ދިގު މުއްދަތުގެ ކަމަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕު ވިދާޅުވީ ޕުޓިންއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި ޔުކްރެއިން ހަނގުރާމައާ ބެހޭ އެ ވާހަކަތަށް ”ޕޮޒިޓިވް“ ކަމަށެވެ.
ޓްރަމްޕު ވިދާޅުވީ ”ޓެރަރިސްޓް ސަރުކާރަކުން“ މުޅި ދުނިޔެ ރަހީނުކޮށް، ދުނިޔޭގެ ތެލުގެ ސަޕްލައި ހުއްޓުވަން މަސައްކަތްކުރަން ފުރުސަތެއް ނުދޭނަން ކަމަށެވެ.
”… އީރާނުން އެކަން ކުރަން އެއްވެސް ކަމެއް ކޮށްފި ނަމަ، އެ މީހުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ،“ ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 28 ގައި އީރާނަށް ދޭން ފެށި ހަމަލާތަކަށް ފަހު، ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެމެރިކާއިން 5،000 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް އެމެރިކާ ސެންޓްރަލް ކޮމާންޑުން ބުންޏެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ފެކްޓް ޝީޓެއްގައި ބުނެފައި ވަނީ އެ ހަމަލާތަކުގެ ތެރޭގައި އީރާނުގެ 50 އަށް ވުރެ ގިނަ ބޯޓަށް ހަމަލާ ދީފައިވާނެ ކަމަށެވެ. މީގެ އިތުރުން އެއާ ޑިފެންސް ސިސްޓަމާއި، ބެލެސްޓިކް މިސައިލް ސައިޓްތަކާއި، މިސައިލް އަދި ޑްރޯން އުފައްދާ ތަންތަނުގެ އިތުރުން އަސްކަރީ މުއާސަލާތީ ވަސީލަތްތަކަށް ވެސް ހަަމަލާދިން ކަމަށް ބުންޏެވެ.



