އީރާނުގެ ވެރިންނަކީ ”ބުއްދިފިލާފައިވާ ނުލަފާ ބައެއް“ ކަމަށް ސިފަކުރައްވައި، އެމީހުން މަރާލުމަކީ ލިބޭ ބޮޑު ޝަރަފެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކަށް ދެ ހަފުތާ ވެފައިވާއިރު، މި ހަނގުރާމައިގައި މިހާތަނަށް 2,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޓްރަމްޕް ބުނި ގޮތުގައި އެމެރިކާއިން ދަނީ އީރާނުގެ ޓެރަރިސްޓް ނިޒާމު މުޅިން ހަލާކުކޮށްލަމުންނެވެ.
އީރާނުގެ އާ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށް ވިދާޅުވެ، އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމަށް ގޮވާލައްވާފައެވެ. މިއާއެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނުގެ ވެރިކަން ވައްޓާލުމަށް އެހީތެރިވަމުންދާ ކަމަށް ބުނެ، އާ ރޫހީ މާލިމީއަށް ނުސީދާ އިންޒާރުތަކެއް ދީފައެވެ.
އިސްރާއީލު ސިފައިން ބުނާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އީރާނުގެ 200 އަށްވުރެ ގިނަ އަމާޒަކަށް ވަނީ ހަމަލާދީފައެވެ. މީގެ ތެރޭގައި މިސައިލް ފޮނުވާ ތަންތަނާއި ހަތިޔާރު އުފައްދާ ކާރުޚާނާތައް ހިމެނެއެވެ. މީގެ އިތުރުން ލުބުނާނުގައި ހިޒްބުالله އިން ބޭނުންކުރާ މަގުތައް ހަލާކުކުރުމަށްޓަކައި އާންމު އިންފްރާސްޓްރަކްޗާއަށް ވެސް އިސްރާއީލުން ވަނީ ހަމަލާދީފައެވެ.
އީރާނުން ވެސް ދަނީ ރައްދުގައި ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. މިގޮތުން އިސްރާއީލުގެ އުތުރުގެ އަވަށަކަށް ދިން ހަމަލާއެއްގައި 58 މީހުން ޒަޚަމްވެފައިވެއެވެ. އަދި އިރާގުގައި އެމެރިކާގެ މަތިންދާބޯޓެއް ވައްޓާލާފައިވާއިރު، ފަރަންސޭސި ސިފައިންގެ މީހަކު ވެސް ވަނީ މަރުވެފައެވެ. ދުބާއީގެ މާލީ މަރުކަޒުތަކާ ކައިރި ސަރަހައްދުތަކަށް ވެސް ހަމަލާތަކުގެ އަސަރުކޮށްފައިވާއިރު، ބައެއް ބޭންކުތަކުން ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންގާފައެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައާއި މާލީ ބާޒާރުތަކަށް ބޮޑު ލޮޅުމެއް އަރާފައިވެއެވެ. އިރާގުގެ ބަސްރާ ބަނދަރުގައި ދެ ތެޔޮ ޓޭންކަރެއްގައި ރޯވެފައިވާއިރު، މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ އިންފްރާސްޓްރަކްޗާއަށް ދަނީ މެދުނުކެނޑި ހަމަލާތައް އަމާޒުވަމުންނެވެ.



