ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކޮންގްރެސް ޕާޓީގެ ސައިކަލު ބުރު ކުރިއަށް ގެންގޮސްފި
ދެންމެ | 14 މާރޗް 2026

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު މިއަދު މާލޭގައި ސައިކަލް ބުރެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދުގެ ސައިކަލް ބުރަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތެކެވެ.

މި ހަރަކާތް ފެށީ މާފަންނު މެރީބްރައުން ސަރަހައްދުންނެވެ. އަދި، ސައިކަލު ބުރުގެ ބައިވެރިން ހަރަކާތް ނިންމާލީ ހެންވޭރުގައި ހުންނަ ކޮންގްރެސް ޕާޓީގެ އޮފީހާ ހަމައިންނެވެ.

ހަރަކާތް ނިންމަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވަޑައިގެން ވާހަކަފުޅުދައްކަވައިފައެވެ.

ސައިކަލު ބުރުގެ ބައިވެރިންނާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލްތައް ބާކީކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލާ ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް، ސިޓީތަކުގެ ކައުންސިލް ގޮނޑިތަކާއި ރަށްތަކުގެ ކައުންސިލް ގޮނޑިތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށެވެ.

މިއަދުގެ ހަރަކާތުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވަޑައިގެންނެވިއިރު، ޕާޓީގެ މެންބަރުން އަދި ޕާޓީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ބަޔަކު ވެސް ސައިކަލު ބުރުގައި ބައިވެރިވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!