ރޯދަ މަސް ނިމުމުން އަޅުކަމާއި އަޅުވެރިކަމުގެ ދުވަސްތައް ނިމުނީ ނޫންކަމަށާއި، ހަ ރޯދައަކީ އަޅުވެރިކަމުގެ ދުވަސްތައް އަލުން ފަށައިގެން ކުރިޔަށް ދިޔުމަށް ލިބޭ ދަޢުވަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބަރަކާތްތެރި ފިތުރު ޢީދާ ގުޅިގެން ޢީދުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވެވި ޚިތާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ކޮންމެ އަހަރެއްގެ ވެސް ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ މަތިވެރި އަޅުކަމަށް ފަހު، އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެކަމުގެ އުންމީދާއެކީގައި ކަމަށެވެ. އަދި އެ މާތް މައްސަރުގައި ލައްވާފައިވާ ރުއްސެވުމާއި، ފުއްސެވުމާއި، ނަރަކައިން މުއްތިކުރެއްވުން އަޅުގަނޑުމެންގެ މައްޗަށް، ދީލަތިވަންތަ ﷲ ހިންމަވައިދެއްވައިފިކަމުގެ އިތުބާރާއި ހިތްހަމަޖެހުމާއެކީގައި ކަމަށާއި ޢީދު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އުފާކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޢީދުގެ އުފަލަކީ މާތްﷲއަށް ޙަމްދު ކުރުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މުނާސަބަތުގައި ފާޅުކުރަންވީ މާތް ﷲ އަޅުގަނޑުމެންގެ މައްޗަށް ފަރުޟުކުރެއްވި ރޯދައިގެ އަޅުކަން އަދާކުރެވުމުގެ އުފަލާއި ކީރިތި ޤުރްއާން ކިޔެވުމާއި ޒިކުރުކުރުމާއި އިސްތިޣްފާރުކުރުމުގައި ރޯދަމަހުގެ ރޭތަކާއި ދުވަސްތައް ހޭދަކުރެވުނީތީ އެކަމުގެ އެފާ އަދި އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި ނިކަމެތިކަން ތަހައްމަލުކުރާ ފަރާތްތަކަށް ދީލަތިވެވުމުގެ އުފާ ކަމަށެވެ. އަދި އުފާ ފާޅުކުރުމުގައި އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރުމާއި މުސްލިމުން އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކުރުމާއި ފަރުދީ ގޮތުންނާއި ޖަމާޢަތުގެ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުން މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްލާމްދީނުގައި އެއްވެސް ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުން ބޭރުވުމެއް ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެހެންކަމުން ޢީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރޯދަމަސް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ އަޅުގަނޑުމެންގެ ނަފުސުތަކަށާއި ގުނަންތަކަށް މުހިންމު ތަމްރީނުތަކެއް ދީފައި ކަމަށެވެ. އެގޮތުން، ރަނގަޅު ބަސްތައް މެނުވީ ދޫތަކުން ނުބުނުމާއި ރަނގަޅު އަމަލުތައް މެނުވީ ގުނަންތަކުން ނުކުރުމާއި ވަކިވަކިވެ ރޫޅިފައިވާ ބައެއްގެ ގޮތުގައި ނުވެ، ބިޔަ އެއް ޖަމާޢަތެއްގެ ގޮތުގައި، އެއްބައެއްވަންތަކަމާއެކު މުސްލިމުން ދެމި ތިބުމަށް ބާރުއަޅުއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހުރިހައި މާނައެއްގައި ވެސް، ހުރިހައި ވަގުތެއްގައި ވެސް ކެތްތެރިވުމަކީ ރޯދައިގެ މަދުރަސާއިން ލިއްބައިދޭ ފިލާވަޅުތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ބަރަކާތްތެރި ފިތުރު ޢީދު ދިމާވަނީ ރަމަޟާން މަހުގެ ރޯދަތަކާއި ޝައްވާލު މަހުގެ 6 ރޯދައާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެއިންވެސް ދޭހަކޮށްދެނީ ހެޔޮ އަމަލުތަކުގެ މަތީގައި ދެމި ތިބެން އިސްލާމްދީން ވަރަށް ފުރިހަމަ ނިޒާމަކުން ގޮވާލާކަން ކަމަށެވެ. އަދި ރޯދަމަސް ނިމުމަކަށް އައި ނަމަވެސް އަޅުކަންތައް ކުރުމާ ދުރުހެލި ނުވުމަށާއި އެ އަމަލުތައް އިތުރަށް ކުރިއަށްގެންދިއުމަށް ހަރޯދައިން ދައުވަތުދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ޢީދުގެ އުފާ އަޅުގަނޑުމެންގެ އިސްލާމީ އުންމަތާ ބައްދަލުކުރި އިރު، އުންމަތް ވަރަށް ބޮޑު ނުތަނަވަސްކަމެއްގެތެރޭގައި އޮތް ކަމަށެވެ. ޚާއްޞަކޮށް ފަލަސްޠީނުގައި، އާންމުކޮށް މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އެތައް އަޚުންނާއި އުޚްތުން ތިބެންޖެހިފައިވަނީ ބޮޑު ހިތްދަތިކަމެއްގގެ ތެރޭގައި ކަމަށާއި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލުކަމަށް ވާތީ، އެފަރާތްތަކުގެ ހުރިހައި ވޭނެއްގައި އެންމެންވެސް ބައިވެރިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ހާލަތުގައި އަވަސް ގޮތެއްގައި އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަމަށާއި މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފިތުރު ޢީދާ ގުޅިގެން ނެރުއްވި ޚިތާބުގައި ވިދާޅުވިއެވެ.



