ޓެކްސީލައިނަށް ޑްރައިވަރުން ހޯދަން ވޯކިން-އިންޓަވިއުއެއް ތާވަލު ކޮށްފި
ދެންމެ | 23 މާރޗް 2026

ޓެކްސީލައިނަށް ޑްރައިވަރުން ހޯދަން އަނެއްކާވެސް ވޯކިން-އިންޓަވިއުއެއް މާދަމާ ބާއްވަން އެމްޓީސީސީއިން ނިންމައިފި އެވެ.

އެމްޓީސީސީން އިން ބުނީ އިންޓަވިއު އޮންނާނީ މާދަމާ މާފަންނު ބަސް ޓާމިނަލުގައި ކަމަށެވެ. އެއީ ހެނދުނު 10 އިން ހަވީރު 4 ޖަހަންދެންކަމަށް އެމްޓީސީސީން ބުނެ އެވެ.

ޓެކްސީލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް މީގެ ކުރިން ކުރިއަށްގެންދިޔަ ވޯކް-އިން-އިންޓަވިއުގައި 250އަށް ވުރެއް ގިނަ މީހުން ބައިވެރިވެފައިވާކަމަށް އެމްޓީސީސީއިން ބުނެފައި ވެއެވެ.

ޓެކްސީގެ ހިދުމަތަށް 407 ޑްރަައިވަރުން ހޯދަން އެމްޓީސީސީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާނުކުރުމުން ކުރިމަތިލީ 366 މީހެކެވެ.

ޓެކްސީ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނަގާއިރު، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެގޮތުން 269 ފަރާތަކާއި އިންޓަވިއުކޮށްފައިވާކަމަށް އެމްޓީސީއިން ބުންޏެވެ.

ސަރުކާރުގެ ޓެކްސީ ލައިންގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތެކެވެ. މި ހިދުމަތް ދޭން ހަމަޖެހިފައިވަނީ، މިކަމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާއާއި ގްރޭބް ފަދަ ިހދުމަތްތަކުގެ ސްޓައިލަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!