އިސްރާއީލްގެ ތެލްއަވީވާއި ހައިފާ ބިމާ ހަމަކޮށްލުމުގެ ވަރުގަދަ އޮޕަރޭޝަން އީރާނުން ފަށައިފި
ދެންމެ | 27 މާރޗް 2026

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނި ގޮތުގައި، ”އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4“ ގެ 81 ވަނަ ބުރުގައި އަމާޒަށް ވާސިލްވުމުގެ ގާބިލުކަން ލިބިފައިވާ ”އިމާދު“، ”ގިޔާމް“، ”ޚުއްރަމްޝަހަރު-4“ އަދި ”ގަދަރު“ މަރުކާގެ މިސައިލްތަކުން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ 70 އަށް ވުރެ ގިނަ ތަނަކަށް ވަނީ ހަމަލާދީފައެވެ.

ބުދަ ދުވަހު އައިއާރްޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައިފާ، ޑިމޯނާ، ހައިފާ ކައިރީގައިވާ އަލް-ޚުދްރިއްޔާގެ އިތުރުން ތެލް އަވީވްގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ހުރި އަމާޒުތަކަށް މިސައިލްތައް ކާމިޔާބުކަމާއެކު އަރާފައިވާ ކަމަށެވެ.

އައިއާރްޖީސީން ހަވާލާދޭ މައިދާނުގެ ޖާސޫސީ މައުލޫމާތުތަކަށް ބަލާއިރު، އީރާނުން ދިން ބާރުގަދަ ތިން ހަމަލާއަށްފަހު، އިޒްރޭލުގެ ޔަހޫދީ ސަރުކާރަށް ލިބުނު ގެއްލުންތަކާއި މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެ ބަޔާނުގައިވާ ގޮތުން، މިހާތަނަށް މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު ވަނީ 2،500 އަށް ވުރެ މައްޗަށް އަރާފައެވެ.

އައިއާރްޖީސީ އާއި އީރާނުގެ އަސްކަރިއްޔާ ތެދުވެފައިވަނީ ”ގައުމެއްގެ ސިފައިގައި“ ކަމަށް ބަޔާންކޮށް، ލޯބިވާ އީރާނުގެ ދިފާއުގައި މުޅި ގައުމު އޮތީ ތައްޔާރަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އައިއާރްޖީސީން ވަނީ އެމެރިކާގެ ރައްޔިތުންނަށް ސީދާ ގޮތެއްގައި މުޚާތަބުކޮށް، ޓްރަމްޕާއި ނަތަންޔާހޫ ފަދަ ހަނގުރާމައަށް ފެންބޮވައިގެންފައިވާ ފަރާތްތަކުން، ހަނގުރާމައިގެ މައިދާނުގެ ހަގީގަތް އޮޅުވާލައި ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ އިންޒާރު ދީފައެވެ.

”ހަނގުރާމައިގެ ހަގީގަތް ތިޔަބޭފުޅުން ބައްލަވަންވީ އެމެރިކާގެ ފިއުލް ސްޓޭޝަންތަކުންނާއި، އީރާނުގެ މަގުތަކުންނާއި، ތެލް އަވީވް އަދި ހައިފާގެ އުޑުމަތިން،“ ބަޔާނުގައިވެއެވެ. އައިއާރްޖީސީން ވަނީ ކުރިއަށް އޮތް ތަނުގައި ނެރޭ ބަޔާންތަކުގައި ހަނގުރާމައިގެ ހަގީގަތް ހާމަކަން ބޮޑު ގޮތެއްގައި ހާމަކުރާނެ ކަމަށް ވައުދުވެފައެވެ.

”ނަތަންޔާހޫ އާއި ޓްރަމްޕްގެ މަކަރުވެރިކަމުގެ ތެރެއަށް ތިބާގެ ދަރިން ފޮނުވައި ނަރަކައަށް ހުށަނާޅާށެވެ. އީރާނުގެ މިލިއަނުން ގުނާލެވޭ ރައްޔިތުންގެ ކަނޑުގެ ސަރަހައްދަށް އަރައިގަންނަ ސިފައިން ޣަރަގުވެ، ނެތިގެންދާނެ،“ ބަޔާނުގައި އިންޒާރު ދީފައިވެއެވެ.

އައިއާރްޖީސީގެ ބަޔާން ނިންމާލާފައިވަނީ ވަރުގަދަ އިންޒާރަކުންނެވެ.

”ހަނދާން ކުރާށެވެ، އަހަރެމެން ތެލް އަވީވް އާއި ހައިފާ ބިމާ ހަމަކޮށްލާނަމެވެ. މިއީ އަހަރެމެންގެ ޝަހީދުވެފައިވާ ލީޑަރު އަހަރެމެންނަށް ދަސްކޮށްދެއްވި ފިލާވަޅެވެ.“

”އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4“ ގެ 81 ވަނަ ބުރުގެ ހަމަލާތައް މިދިނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމައަށް 26 ދުވަސް ވެފައިވަނިކޮށެވެ.

އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއް ޝަހީދުކޮށްލުމަށް ފެބްރުއަރީ 28 ގައި ދިން ހަމަލާތަކަށްފަހު، އީރާނުން ދަނީ އެ ސަރަހައްދުގައިވާ އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށާއި ހިފާފައިވާ ބިންތަކަށް މިސައިލާއި ޑްރޯންގެ އެތައް ހަމަލާތަކެއް ދެމުންނެވެ.

އައިއާރްޖީސީން ބުނާ ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ އެމެރިކާ އާއި ޒަޔަނިސްޓުންގެ އަމާޒުތަކަށް 700 އަށް ވުރެ ގިނަ މިސައިލާއި 3,600 އަށް ވުރެ ގިނަ ޑްރޯން ވަނީ ފޮނުވާލާފައެވެ. އަދި އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ ދުޝްމަނުންގެ 200 އަށް ވުރެ ގިނަ އުޅަނދު ހަލާކުކޮށްލާފައެވެ. އޭގެ ތެރޭގައި ކްރޫޒް މިސައިލާއި ޒަމާނީ ފައިޓަރ ޖެޓްތައް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!