އީރާނުން އިސްރާއީލުގެ ކެމިކަލް ފެކްޓްރީ ގޮއްވާލައިފި
ދެންމެ | 30 މާރޗް 2026

އާދީއްތަ ދުވަހު އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް އިސްރާއީލުގެ ބީރުޝެބާގެ ދެކުނުން އޮންނަ ނިއޮޓް ހޯވޭވް އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އަދަމާ ކެމިކަލް ޕްލާންޓަށް ސީދާ އަމާޒުވެއްޖެއެވެ.

މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާއިރު، ފެކްޓްރީގެ ބޮޑު ބައެއް ވަނީ ގޮއްވާލާފައެވެ. އަދި މުޅި ސަރަހައްދުން ބޯ ދުން އަރަމުންދާތަން އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.

މިސައިލް އެރުމާއެކު ދަނޑުވެރިކަމަށް ބޭނުންކުރާ ސޫފި މަރާ ބޭހާއި ވިނަ މަރާ ބޭސް ރައްކާކުރާ ގުދަަނެއްގައި ބޮޑު އަލިފާންގަނޑެއް ރޯވިއެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ”ބޮޑު އަލިފާން ބޯޅައެއް“ ފެނުނު އިރު، އެތައް މޭލު ދުރަށް ފެންނަ ވަރަށް ކަޅު ދުންގަނޑެއް ވަނީ އަރާފައެވެ. ވިހަ ގޭސް ލީކުވުމުގެ ނުރައްކާ އޮތުމުން، ބީރުޝެބާގެ ރައްޔިތުން ގޭގައި މަޑުކުރުމަށާއި ކުޑަދޮރުތައް ބަންދުކުރުމަށް ހޯމް ފްރަންޓް ކޮމާންޑުން އެތައް ގަޑިއިރަކަށް އަމުރުކުރިއެވެ.

ނަމަވެސް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަނާއި ފަޔަރ ކޮމިޝަނަރ އީޔާލް ކަސްޕީ ވަނީ ރޭގަނޑު 7:30 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، ވައިގެ ތެރެއަށް އެއްވެސް ނުރައްކާތެރި މާއްދާއެއް ލީކުވެފައި ނުވާކަމަށް ބުނެފައެވެ.

މި ހަމަލާގައި އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، މޭގަން ޑޭވިޑް އެޑަމް (އެމް.ޑީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 31 މީހަކަށް ވަނީ އެކި ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ބިއްލޫރި ބުރައިގެން އަނިޔާވި 11 މީހަކާއި، ލިބުނު ސިހުމާއި ބިރުވެރިކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރި 20 މީހަކު ހިމެނެއެވެ.

ބަރު ބެލިސްޓިކް މިސައިލުން އުފެދުނު ޝޮކްވޭވްގެ ސަބަބުން ބީރުޝެބާގެ ސިޓީގެ މަދުވެގެން 20 ތަނަކަށް ވަނީ ގެއްލުން ލިބިފައެވެ. ގިނަ ގޭގޭގެ ކުޑަދޮރުތައް ތަޅައިގެން ގޮސްފައިވާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ”ކްލަސްޓަރ“ ވައްތަރުގެ ހަތިޔާރަކަށް ވުން އެކަށީގެންވެއެވެ. ގެއްލުންތައް އެހާ ބޮޑަށް ފެތުރިގެން ދިޔައީ އެ ސަބަބާ ހުރެ ކަމަށް މާހިރުން ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!